އަށާރަ އަހަރު ނުފުރޭ ކުޑަ ފިރިހެން ކުދިންތަކަކަށް ބަދުއަހުލާގީ މެސެޖުތަކެއް ފޮނުވި ކަމަށް މަޝްހޫރު ޔޫޓިއުބާ ޖޭމްސް ޗާލްސް އެއްބަސްވެއްޖެ އެވެ.

އޭނާ މިކަމަށް އެއްބަސްވެފައި ވަނީ ޔޫޓިއުބްގައި އާންމުކުރި ވީޑިއޯއެއްގަ އެވެ.

"އަހަންނަށް ގަބޫލުކުރެވޭ ކުރެވުނީ ގޯސްކަމެއް ކަން،" އުމުރުން 21 އަހަރުގެ ޖޭމްސް ބުންޏެވެ.

މިފަދަ ތުހުމަތުތަކެއް އެންމެ ފުރަތަމަ ޖޭމްސްގެ މައްޗަށް ކުރެވެން ފެށީ މިއަހަރުގެ ކުރީކޮޅު އެވެ.

ޔޫޓިއުބްގައި 25 މިލިއަން ފޮލޯވަރުން ތިބި ޖޭމްސްއަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފުރާވަރުގެ ކުއްޖަކު ވަނީ ގްރޫމިންގެ ތުހުމަތުކޮށްފަ އެވެ. ޗާލްސް ވަނީ އޭރު އެކަން ދޮގުކޮށް، އެ ކުއްޖާއާ ވާހަކަ ދެއްކީ 18 އަހަރުގެ ކުއްޖެއް ކަމަށް ހީކޮށް ކަމަށް ބުނެފަ އެވެ.

މިހާރު ޗާލްސް މިވަނީ އެކަންތަކަށް އެއްބަސްވެފަ އެވެ.

އޭނާ ބުނީ އެފަދަ ދެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި ކޮންމެ ފަހަރަކުވެސް މެސެޖް ކުރެވެނީ 18 އަހަރުން ދަށުގެ ކުއްޖެއް ކަން އެނގެނީ މާ ފަހުން ކަމަށް ބުންޏެވެ.

ޔޫޓިއުބުގައި އަންމުކޮށްފައިވާ 14 މިނެޓުގެ އެ ވީޑއޯގައި ޗާލްސް ބުނީ ކުރިން އެނގުނު ނަމަ އެ ގޮތަށް އެ ކުދިންނާ ވާހަކަ ނުދައްކާނެ ކަމަށެވެ.

އެ ވީޑިއޯގައި އޭނާ ވަނީ އެ ކުދިންގެ ކިބައިން މައާފަށް އެދި، މި ހިނގާދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ވިސްނާލުމަށް ކުޑަދުވަސްކޮޅަކަށް ސޯޝަލްމީޑިއާ އާ ދުރަށް ދާން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.