އިންޑިއާ އާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް މިހާތަނަށް ހާމަކޮށްފައި ނުވަނީ "ކޮންފިޑެންޝަލް ކްލޯޒް" ގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން މި އެއްބަސްވުންތަކުގައި ފުށު އަރާ ކަންތައްތަކެއް ހުރިކަމާ އެއްބަސްވުންތައް ހާމަކުރައްވާނެކަމަށް ޣައްސާން ވިދާޅުވި ނަމަވެސް އެއްބަސްވުންތައް ހާމަނުކުރެވޭ ސަބަބު މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މިނިސްޓަރު ޣައްސާން ހާމަކުރެއްވީ މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ ކޮން ސަބަބަބާ ހުރެތޯ މިނިސްޓަރު ޣައްސާން އާއި ސުވާލުކުރައްވާފަ އެވެ.
މެންބަރު ޒިޔާދުގެ މި ސުވާލަށް ޖަބާވު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުންތައް ހާމަނުކުރެވިއޮތީ އެ އެއްބަސްވުންތަކުގައިވާ "ކޮންފިޑެންޝަލް ކްލޯޒް" ގެ ސަބަބުން ކަމަށެވެ.
"ތި އިޝާރާތް ކުރި އެއްބަސްވުންތައް އަދާ ހަމައަށް ހާމަ ނުކުރެވި އޮތް ސަބަބަކީ، ދިވެހި ދައުލަތާއި އިންޑިއާ އާއި ދެމެދު ސޮއި ކުރެވިފައި ހުރި އެއްބަސްވުންތަކުގެ ތެރޭގައި، އެ އެއްބަސްވުންތަކުގެ ކޮންފިޑެންޝިއަލް ކްލޯޒް ތަކެއް ހިމެނިފައި ހުރީމަ،" ޣައްސާން ވިދާޅުވި އެވެ.
މިނިސްޓަރު ޣައްސާން މިފަދައިން ވިދާޅުވިއިރު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ވެވަޑައިގެން ވައުދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިކަން ލަސްވަނީ އެއްބަސްވުމުގައި ސިއްރުކުރަން ހިމަނާފައިވާ ނުކުތާތަކާ ހެދި ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި އޭރު ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުވުމަށް "އިންޑިއާ އައުޓް" ގެ ނަމުގައި ރައީސް މުއިއްޒާއި ޣައްސާނު ވެސް ބައިވެރިވެވަޑައިގެން ހަރަކާތެއް ފެށިއިރު، ފަހުން ވެރިކަމާ ހަވާލުވުމަށް ފަހު ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމާއި ޑޯނިއާ އަދި ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރި އެވެ.
އޭގެތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުން އުވާލި ނަމަވެސް އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓު ތައް ފޮނުވައެއް ނުލަ އެވެ.
ރިޔާސީ ކެމްޕޭން ތެރޭގައި ވައުދުވެވަޑައިގަތް ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ އަނބުރާ އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ބުނިއިރު ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުން ވެސް ވަނީ ޗައިނާ، އިންޑިއާ، އަދި ތުރުކީ އާއެކު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.
ނަމަވެސް މީގެ ތެރެއިން އެއްވެސް އެއްބަސްވުމެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފަ އެއް ނުވެ އެވެ.