މިދިޔަ އޭޕްރިލް މަހު ވޭޕާ ގުޅުންހުރި މައްސަލަތަކުގައި 190،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ނަގާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން މި ޖޫރިމަނާތައް ކޮށްފައިވާއިރު، އޭޕްރިލް 1 އިން 30 އަށް ޖުމްލަ 39 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ޖޫރިމަނާކޮށްގެން މުޅި ޖުމްލަ 192،500 ރުފިޔާ ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ވޭޕް ބޭނުންކުރުމުން ނުވަތަ އޭގެ ވިޔަފާރިކުރުމުން ކުރާ ޖޫރިމަނާގެ މައުލޫމާތާއި ދައްކަން ޖެހޭ ޖޫރިމަނާ އަދަދުގެ ތަފްސީލު އެ މީހެއްގެ ފޯނަށް ކުރު މެސެޖެއްގެ ގޮތުގައި ލިބޭނެ އެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފާއިތުވި އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. މި ޤާނޫނުގެ ދަށުން ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެ އެވެ.