ހެރިޓޭޖް މިނިސްޓްރީން، "ވިލަރެސްވެރިން" ގެ މަގާމަށް މީހުން ހޯދުމަށް ކުރި އިއުލާނަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ސުވާލު އުފައްދަވައިފި އެވެ.
މެންބަރު އަޒާން އެކްސްގައި ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ، އެ މިނިސްޓްރީން އިއުލާންކޮށްފައިވާ "ވިލަރެސްވެރިން" ގެ މަގާމަށް ކަނޑައަޅާފައިވާ މުސާރައިގެ މިންވަރާ ގުޅޭގޮތުންނެވެ. އެގޮތުން، އެމަނިކުފާނުގެ ކަންބޮޑުވުމަކީ މި މަގާމަށް ކަނޑައަޅާފައިވާ 30،000 ރުފިޔާގެ މުސާރައަކީ، ރާއްޖޭގައި، ސިއްހީ އަދި އިންޖިނިއަރިން ދާއިރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ލިބޭ މުސާރައަށް ވުރެ މަތީ އަދަދެއް ކަމަށްވުމެވެ.
މެމްބަރު އަޒާން ސުވާލު އުފައްދަވާފައިވަނީ، މި މަގާމުގެ މަސްއޫލިއްޔަތާއި ޝަރުތުތަކަށް ބަލާއިރު، މިފަދަ މަތީ މުސާރައެއް ކަނޑައެޅުމުގެ އެކަށީގެންވާ ސަބަބަކީ ކޮބައިތޯ އެވެ. އަދި މިފަދަ "ދިރާސާތައް" ކުރުމަށްފަހު މިނިސްޓްރީން މިހާތަނަށް ހާސިލުކޮށްފައިވާ ނަތީޖާއަކީ ކޮބައިތޯ ވެސް އޭނާ ސުވާލު އުފައްދަވާފައިވެ އެވެ.
އިއުލާނުގައިވާ ގޮތުން، މި މަގާމަށް ޝަރުތު ހަމަވާނީ ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ލިބި، ސެކަންޑަރީ ސްކޫލް ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓުގެ އިމްތިހާނުގައި ދަށްވެގެން "ސީ" ގްރޭޑް ލިބިގެންނެވެ. އަދި މަދުވެގެން 3 އަހަރު ދުވަހުގެ އިދާރީ މަސައްކަތުގެ ތަޖުރިބާގެ އިތުރުން، ދިވެހި އަދި އިނގިރޭސި ބަސް އެނގި އުމުރުން 35 އަހަރުން ދަށުގެ މީހަކަށް ވުން ހިމެނެ އެވެ.
އޭ ލެވެލްގައި ދިވެހިން "ސީ" އަކާއި އޯ ލެވެލްގައި "ޑީ" ދެ މާއްދާއިން ފާސްވެފައިވާ ފަރާތްތަކެވެ.