ރާއްޖޭގައި ކުޑަކުދިންނަށް ލިބޭ އަނިޔާގެ ތެރޭގައި އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަތޮޅުތެރެއިން 128 ކުދިންނާއި މާލެއިން 90 ކުދިންނާއެކު ޖުމްލަ 218 ކުދިންނަށް ޖިންސީ އަނިޔާލިބިގެން 2023 ވަނަ އަހަރު ވަނީ ރިޕޯޓްކޮށްފަ އެވެ.
އެއަށްފަހު އެންމެ ގިނައީ ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ލިބުނު މައްސަލަތަކެވެ. މި ތަފާސްހިސާބުން އެނގޭގޮތުގައި 2023 ވަނަ އަހަރު 191 ކުއްޖަކަށް ވަނީ ޖިސްމާނީ އަނިޔާ ލިބިފަ އެވެ.
މީގެ އިތުރުން ވެސް ކުޑަކުދިންނަށް ލިބޭ އަނިޔާގެ ތެރޭގައި އޭގެ އިތުރުން، ކުޑަކުދިންނަށް އަޅައިނުލުމާއި އަނގަބަހުން ނުވަތަ ނަފުސާނީ ގޮތުން ކުޑަކުދިންނަށް ކުރެވޭ އަނިޔާ އާއި ބުލީ ކުރުމުގެ މައްސަލަތަކާއި އިންޓަނެޓު މެދުވެރިކޮށް ބުލީ ކުރުމުގެ މައްސަލަތަކާއި ނަހަމަ ގޮތުގައި ކަންކަން ކުރުވުމުގެ މައްސަލަތަކާއި އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ މައްސަލަތައް ވެސް 2023 ވަނަ އަހަރު ރިޕޯޓްކޮށްފައިވެ އެވެ.
ޖިންސީ ގޯނާގެ މައްސަލަތައް، ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ގިނައިރު ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 15 ޕަސެންޓު ކުދިންނަކީ ޖިންސީ ގޯނާގެ ޝިކާރައަށްވެފައިވާ ކުދިންކަމަށް ދިރާސާތަކުން ދައްކަ އެވެ.