2016 ވަނަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިސްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް މަޝްހޫރު މޮޑެލް ކިމް ކާޑޭޝަންއަށް ކުރިމަތިވި ހަމަލާގައި ދެންމެ ދެންމެ މަރުވެދާނެ ހެން ހީވި ކަމަށް އޭނާ ބުނެފި އެވެ.
ކިމް މިހެން ބުނެފައިވަނީ ދާދި ފަހުން ޕެރިސްގެ ޕެލެސް އޮފް ޖަސްޓިސްގައި ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި އޭނާގެ ބަޔާން ހުށައަޅަމުންނެވެ.
"އަހަންނަށް ހީވީ އަހަރެން ރޭޕް ކޮށްފަ މަރާލަން އުޅޭހެން" ހަމަލާ ދިން މީހުންގެ އަމަލުތައް ހުރި ގޮތް ކިޔައިދެމުން ކިމް ބުންޏެވެ. ކިމް އިތުރަށް ބުނީ އެމީހުން އޭނާ ބަނދެ އެ ކޮޓަރިން ވައްކަން ކުރި ކަމަށެވެ.
ފުލުސް އޮފިސަރުންނަށް ވެގެން އައި ބަޔަކު ކިމް ހުރި ހޮޓަލަށް ވަދެގަނެ އޭނާއަށް ބަޑިން ބިރު ދެއްކުމަށްފަހު ފިލާފައިވަނީ ކިމްގެ އަތުގައި ހުރި ނުވަ މިލިއަން ޑޮލަރުގެ އަގުބޮޑު ގަހަނާއާ އެކުގަ އެވެ.
އެގޮތުން އޭނާގެ އެނދުގެ އެއްފަރާތުގައި ހުރި މޭޒުމަތީގައި އޮތް 18 ކެރެޓްގެ އަގުބޮޑު އެންގޭޖްމަންޓް އަނގޮޓިއަކީ ވަގުންގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތް އެކައްޗެވެ.
ފުލުހުންގެ ތަހުގީގުން ވެސް އެ އަނގޮޓި ހޯދިފައި ނުވާއިރު ބޮޑަށް ބެލެވެނީ އެންޓްވާޕްގެ ބާޒާރުގައި އަނގޮޓި ވިއްކާލާފައިވާ ކަމަށެވެ.
ބުނެވޭ ގޮތުގައި ވަގުންނަށް ކިމްގެ މައުލޫމާތު ލިބުނީ އޭނާ ޕެރިސްއަށް ކުރާ ދަތުރުތަކުގައި އޭނާއަށް މަސައްކަތް ކޮށްދޭ ޑްރައިވަރުގެ އާއިލާގެ ފަރާތުންނެވެ.
މި މައްސަލާގައި ޖުމްލަ ދިހަ މީހުންނަށް ދައުވާ އުފުލިފައިވާއިރު މައްސަލައިގެ އެންމެ އަޑުއެހުންތައް މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.