އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑް19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި އެވެ.

އެޗްޕީއޭ އިން އިއްޔެ އާއްމުކުރި ތަފާސް ހިސާބުތަކަށް ދައްކާގޮތުގައި އަތޮޅުތެރޭގެ ރަށްތަކުގައި އިއްޔެ 47 މީހަކަށް ދެވަނަ ޑޯޒް ދީފައިވެ އެވެ. އަދި މާލެ ސަރަހައްދުގައި އިއްޔެ ދެވަނަ ޑޯޒް ޖަހާފައިވަނީ 1،969 މީހުންނަށެވެ.

އިއްޔެ ދެވަނަ ޑޯޒް ފުރިހަމަކުރި 2،016 މީހުންނާއެކު ރާއްޖެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 3،737 އަށް އަރާފަ އެވެ.

ކޮވިޑް19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ރާއްޖޭގައި ފަށާފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ހާއްސަ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ވަނީ ވެކްސިން ދީފަ އެވެ.

ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުގެ މަރުހަލާ އަދިވެސް ކުރިއަށްދާއިރު އަތޮޅުތެރޭން އިއްޔެވަނީ 390 މީހަކަށް ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި މާލެއިން އިއްޔެ ފުރަތަމަ ޑޯޒް ޖެހި 2،757 މީހުންނާއެކު ރާއްޖެއިން ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދުވަނީ 246،896 އަށް އަރާފަ އެވެ.

ރާއްޖޭގައި އާންމުކޮށް ހުޅުވާލައިގެން ޖަހަމުންދަނީ އިންޑިއާގެ އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން އަދި ޗައިނާގެ ސައިނޯފަރމް ވެކްސިނެވެ. ފައިޒާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން 16 އަހަރުންމަތީގެ އެކި ބަލިތައް ތަހައްމަލްކުރަމުންދާ ކުދިންނާއި މީހުން ނަންނޯޓުކުރުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ.