ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގެ، މއ. މާންދޫ ދެކުނުގޭގައި ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށްގެން ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގާފައިވާކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު މައްސަލަ އާ ގުޅިގެން އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

މިނިސްޓަރު އަމީންގެ ގެ އިތުބާރުނެތް މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކުރެވިފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ތުހުމަތުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މިނިސްޓަރު ދިރިއުޅުއްވާ ގެ ކަމުގައިވާ މއ. މާންދޫ ދެކުނުގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ހާމަވާކަން ބަޔާންކޮށްފައިވާ ކަމަށެވެ.

މިގެއަކީ އޭނާ އެކަނި މިލްކެއް ނޫން ކަމަށާއި އެއީ އެބޭފުޅާ ދިރިއުޅުއްވާ ގެ ކަން ސާފުވާން އޮތް އިރު، އެގޭގައި އެބޭފުޅާގެ ގެ އިތުރުން، އެއްބަނޑު އެއްބަފާ ތިން ބޭފުޅުންނާއެކު ޖުމްލަ ހަތަރު ފަރާތެއްގެ ނަމުގައިވާ ތަނެއް ކަމަށެވެ.

"އެހެންކަމަށްވާނަމަ އެއް މެދު އިމާރާތެއްގައި އެތައް ބަޔަކު އެޕާޓްމަންޓްތަކެއް ނުވަތަ މުޅި އިމާރާތް މިލްކު ކުރާ ހާލަތްތަކުގައި ޖިނާއީ ކުށެއް ކޮށްފިނަމަ އޭގެ ޒިންމާ ވަކި އޯނަރެއް އޭނާ ވަކިމަގާމެއްގައި އަދާކުރާތީ ނަގަންޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އޭނާގެ ގޭގައި ގާނޫނާ ހިލާފަށް ކަމެއް ކުރާނަމަ އެކަން ބެލެންޖެހޭނެ ކަމަށާއި އެކަން މިނިސްޓަރެއްގެ ހައިސިއްޔަތުންނާއި ފަރުދީ ހައިސިއްޔަތުން ވެސް ފުރިހަމަ އަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެ ގޭގައި ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށްގެން ގާނޫނާ ހިލާފު ކަމެއް ކުރިކަމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ނިންމާފައިނުވާ ކަމަށެވެ.

މިއާއެކު ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު ހާދިސާ ބެލުމަށްފަހު އެއްވެސް ފަރާތަކުން މިފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ހަމައެއާއިއެކު މިނިސްޓަރު އަމީންގެ މައްޗަށް ތުހުމަތު ކުރެވުނު އިތުބާރު ނެތް މައްސަލާގައިވެސް ގާނޫނާ ހިލާފުކަމެއް މެންބަރުންނަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޔުމްނު ވެއްޓުމުގެ ހާދިސާ ހިނގުމުގެ ކުރިން އަމީން ދިރިއުޅުއްވާ ގޭގެ ޓެރަހުގައި ޕާޓީއެއް ބޭއްވިކަމުގެ ތުހުމަތު ކުރެވުމާ ގުޅިގެން ސީސީޓީވީ ފްޓޭޖް ހޯދަން ފުލުހުން އެދުމުން އެގެއިން ބުނެފައި ވަނީ ކެމެރާތައް ހަލާކުވެފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭރުގެ ޕޮލިސް ކޮމިޝަނަރު ނޫސް ކޮންފަރެންސްއެއް ބޭއްވި ވަގުތު މިނިސްޓަރު އަމީން ކޮމިޝަނަރަށް ގުޅުއްވިކަން ވަނީ ހާމަވެފަ އެވެ. އެކަމާ ގުޅިގެން އަމީން ވިދާޅުވީ އޭނާ ކޮމިޝަނަރަށް ގުޅުއްވީ ކޯޓް އަމުރަކާ ނުލައި ވެސް އެގެއަށް ވަދެވޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުންކަމަށެވެ.