ދުނިޔޭގައި ފުރަތަމަ ފަހަރަށް "ކްރިސްޕަ- ކާސް9" ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖެނެޓިކަލީ އެޑިޓް ކުރި މަކުނެއް އުފައްދައިފި އެވެ.
ޖީން އެއްކޮށްގެން އުފެދުނު މި މަކުނާއި ގުޅިގެން ސައިންސްވެރިން އަޖައިބުވީ، މި މަކުނުން އުފައްދާ ވާ، އެހެނިހެން އާދައިގެ މަކުނުތަކާ ހިލާފަށް ހުދުކުލައިގެ ބަދަލުގައި ދިއްލިފައިވާ ރަތް އަލިކަން ހުރުމެވެ.
މި ކާމިޔާބީ ހޯދުމަށް ސައިންސްވެރިން ވަނީ ޕަރަސްޓެޓޯޑާ ޓެޕިޑޭރިއޯރަމް ކިޔާ މަކުނު ބޭނުންކޮށްފަ އެވެ. މި މަކުނުގެ ބިސްތަކަށް ރަތް ފްލޮރިސެންޓް ޕްރޮޓީން ޖީން ސީކުއެންސް ހިމެނޭ ޖެނެޓިކް އެޑިޓިން ސިސްޓަމެއް އިންޖެކްޓް ކުރުމަށްފަހު، ފިރިހެން މަކުނަކާ އެކު އާލާވުމުން އުފެދުނު ދަރިފަސްކޮޅުގައި މި ބަދަލު ގެނެވިފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މަކުނުގެ ފަށަކީ ވަރަށް ވަރުގަދަ އަދި ސައިންޓިފިކަލީ ވަރަށް ޝައުގުވެރި މާއްދާއެކެވެ. އެއީ އޭގެ ބަރުދަނާ އެއްވަރުގެ ދަގަނޑު ތަނބަކަށް ވުރެ ފަސް ގުނަ ވަރުގަދަ، ފަސޭހައިން ނުކެނޑޭ، އަދި ލުއި އަދި ދެމޭ އެއްޗެކެވެ.
މި ކުރިއެރުމަކީ ޖެނެޓިކް އިންޖިނިއަރިން ދާއިރާގައި ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ. މީގެ ކުރިން ވެސް ކްރިސްޕަ- ކާސް9 ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަތް ލޮލުގެ ބޮޑުބާރު އަދި މެލޭރިއާ ފަދަ ބަލިތަކަށް ދެކޮޅު ހެދޭ މަދިރި އުފެދިފައިވެ އެވެ. މިފަދަ ދިރާސާތަކުން އިންސާނުންނަށް ދިމާވާ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ބަޔޮލޮޖިކަލް ޕްރޮސެސްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެ އެވެ.