އިބްރާހިމް އަލީ ޚާންއާއި ޚުޝީ ކަޕޫރުގެ ކުށެއް ނެތް ކަމަށް ބުނެ ބޮލީވުޑްގެ ފިލްމު "ނާދާނިޔާން"އަށް ލިބުނު ނާކާމިޔާބީގެ ޒިންމާ އެ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ނަގައިފި އެވެ.
މިއަހަރުގެ ކުރީކޮޅު ނުކުތް ފިލްމު "ނާދާނިޔާން"އަކީ މަޝްހޫރު ބޮލީވުޑް ތަރިން ކަމަށްވާ ސައިފް އަލީ ޚާންއާއި އަމްރިތާ ސިންހްގެ ދަރިފުޅު އިބްރާހިމްގެ ފުރަތަމަ ފިލްމެވެ. އެ ފިލްމުގައި އޭނާއާއެކު ފެނުނީ ސްރީދޭވީގެ ދަރިފުޅު ޚުޝީ ކަޕޫރެވެ.
އެހެން ނަމަވެސް އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނީ ފިނި ތަރުހީބެކެވެ. ބޮކްސް އޮފީހުގައި އެ ފިލްމަށް ބޮޑު ނާކާމިޔާބީއެއް ލިބުނުއިރު އިބްރާހިމްއާއި ޚުޝީއަށް ގިނަ ބައެއްގެ ފުރައްސާރަ ވެސް އަމާޒުވި އެވެ.
އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ އިބްރާހިމްއާއި ޚުޝީއަކީ ބަލިކަށި ހިތެއްގެ ވެރިން ކަމަށާއި ލިބެމުން އަންނަ ނަފްރަތު އެމީހުންނަށް ހައްގުނުވާ ކަމަށެވެ.
"ވަރަށް ގިނަ އިންފްލުއެންސަރުން ބުނެފައި އެބަހުރި ފިލްމަށް ހަޖޫ ޖަހައިގެން އެމީހުންގެ ކޮންޓެންޓް ވައިރަލް ވެއޭ،" ކަރަން ބުންޏެވެ.
ކަރަން އިތުރަށް ބުނީ އެ ފިލްމުގެ ލީޑު ތަރިންނާއި ޑައިރެކްޓަރަކީ ވެސް ފިލްމީ ދާއިރާއަށް ވަރަށް އާ ތަރިން ކަމަށާއި އެހެން ނަމަވެސް އެއީ އެމީހުންނަށް ހަމްދަރްދީ ވާންވީ ސަބަބެއްގެ ގޮތުގައި މީޑިއާތަކުން ނުދެކޭ ކަމަށެވެ.
ކަރަންއަކީ ފާއިތުވި 30 އަހަރު ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޕްރޮޑިއުސަރެއް ނަމަވެސް ފަހަކަށް އައިސް އޭނާގެ ފިލްމުތަކަށް ލިބެމުން ދަނީ ފިނި ތަރުހީބެކެވެ.