މިފަހަރުގެ އެމީ އެވޯޑްސްގެ ތެރެއިން "ފްރެންޑްސް"ގެ ސަޕޯޓަރުންނަށް މިވަނީ ހެޔޮވަރުގެ ސަޕްރައިޒެއް ދީފަ އެވެ.

އެމީ އެވޯޑްގެ އެންމެ މޮޅު އެކްޓްރެސްއަށް ނޮމިނޭޓްވި ޖެނިފާ އެނިސްޓަން އާއި ޝޯ ހުށައަޅައިދެމުން ދިޔަ ޖިމީ ކިމެލްގެ ސެގްމެންޓެއްގެ ތެރެއިން އެ ޝޮޓުގެ ތެރެއަށް ދަންނަ މޫނެއް ވަނެވެ. އެއާއި އެކު ޖިމީ އަށް ބުނެވުނީ "ކޯޓްނީވެސް އެބަހުރިން ހެއްޔޭ؟" އެވެ.

ކޯޓްނީ ކޮކްސް އަކީ ފްރެންޑްސް ސިރީސް ގައި ރޭޗަލް (ޖެނިފާ އެނިސްޓަން)ގެ ރޫމްމޭޓް ކަމަށްވާ މޯނިކާ ގެލާގެ ރޯލު 10 އަހަރުވަންދެން ކުޅުނު ތަރި އެވެ.

"ހަމަ ޔަގީން އަހަރެން އެބަހުރިން. އަހަރެމެން 1994 ވަނަ އަހަރުން ފެށިގެން ދިރިއުޅެނީ އެކީގައި،" ސަމާސާ ރާގަކަށް ޖިމީގެ ސުވާލަށް ޖަވާބު ދެމުން ކޯޓްނީ ބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން އެތަނަށް އައީ ލީސާ ކުޑްރޯ އެވެ. މިހިސާބުން ފްރެންޑްސް ސަޕޯޓަރުން ވިރިގެން ދިޔަ ކަހަލަ އެވެ.

ލީސާ ކޫޑްރޯ އަކީ ފްރެންޑްސް ގައި ފީބީގެ ރޯލު އަދާކުރި ފަންނާނެވެ. ޖިމީ އޭނާ ކުރެން އެހީ "ލީޗާ ވެސް އުޅެނީ އެ ގޭގައިތޯ" އެވެ. ޖަވާބުގައި ލީސާ ބުނީ "އަހަރެން ދެން އުޅޭނީ ވަކި ކޮންތާކު ހެއްޔޭ؟" އެވެ. އޭނާގެ ކެރެކްޓާ އަކީ އެ ސީރީސްގައި އެންމެ ތަފާތު އަދި ގިނަ ބައެއްގެ ލޯބި ހޯދި މަޖާ ކެރެކްޓާ އެކެވެ.

މި ރިޔޫނިއަން ގައި ފްރެންޑްސްގެ އެއްވެސް ފިރިހެން ތަރިއެއް ފެންނަން ނެތަސް މި 'ހާފް' ރީޔޫނިއަން އިން ފްރެންޑްސް ފޭނުން ތިބީ ބަނޑުފުރިފަ އެވެ.

1994 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއި ހަމައަށް ފްރެންޑްސްގެ 10 ސީޒަން ބެލުންތެރިންނާއި ހަމައަށް ގެންސީފައިވާ އިރު ޒުވާނުންގެ މެދުުގައި އަދިވެސް އެޝޯގެ މަގުބޫލުކަން ފަޑުވެފައެއް ނުވެ އެވެ.