ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ނުހިނގާ ނަމަ އެ ނިޒާމު އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ އަލީ ނިޔާޒް މިހެން ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުންނެވެ.
އަލީ ނިޔާޒުގެ ވާހަކައިގައި ވަނީ ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުތަކުގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ އިސްލާހުތަކާއެކު މިނިސްޓްރީތަކުގައި ޖަމާވެފައި ހުރި ބޮޑެތި ބާރުތަކެއް ކައުންސިލުތަކަށް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރިހަމަ ލާމަރުކަޒީ ނިޒާމު ހިނގާތަން ސަރުކާރުން ދައްކަންޖެހޭ ކަމަށެވެ.
"....އެހެން ނޫން ކަމަށް ވާނަމަ އަޅުގަނޑު އިރާދަކުރެއްވިއްޔާ އައިސް މި އިސްލާހު. އަށްވަނަ އިސްލާހުގައު ހުރި ކަންތައްތައް އުވާލަން އަޅުގަނޑު ހުށަހަޅާނަން އިނގޭތޯ އެ މަސައްކަތްތައް ނުކުރެވޭ ކަމަށް ވަންޏާ. އޭރުން ރާއްޖޭގައި މިނިޒާމެއް ނޯންނާނެ،" އަލީ ނިޔާޒު ވިދާޅުވި އެވެ.
ކަައުންސިލުތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ އިޚްތިޔާރު ގާނޫނަށް ގެނައި އިސްލާހުން ކައުންސިލްތަކަށް ވަނީ ދީފަ އެވެ.
އެ އިސްލާހުގައިވާ ގޮތުން އެފަދަ ވިޔަފާރި ކުރުމަށްޓަކައި ލޯކަލް އޮތޯރިޓީގެ ކުންފުނި ކައުންސިލްތަކަށް އުފެއްދޭނެ އެވެ.
ކައުންސިލުން އެކަށައަޅާ ތަރައްގީގެ ޕްލޭންގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ މަޝްރޫއުއަކަށް ނުވަތަ މަޝްރޫއުތަކަކަށް ރާއްޖެއިން ބޭރުގެ ބޭންކެއް ނުވަތަ މާލީ އިދާރާއަކުން ދަައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލޯނު ނެގުމުގެ ބާރުން ވެސް އެ އިސްލާހުން ދީފައިވެ އެވެ.
ރަށުގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ބިން ބިމާއި ފަޅުތަކާއި ރަށްތަކުގެ ބާރުވެރިކަން ކައުންސިލުތަކަށް އެ އިސްލާހުން ލިބިދެ އެވެ. ހަމައެހެންމެ އެތަންތަނުން ލިބޭ ފައިސާވެސް ރަށުކައުންސިލަށް ލިބޭނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައިވެ އެވެ.