ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްހަދު މުއިއްޒު ދިރިއުޅުއްވާ ގެ އިމާރާތްކުރެއްވީ ކިހިނެއްކަން ރޭ ކިޔައިދެއްވައިފި އެވެ.

ސަންގުޓީވީން ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި ބެލުންތެރިއަކު ޑރ. މުއިއްޒުއާ ކުރި އެއް ސުވާލަކީ، ޑރ. މުއިއްޒު މިހާރު ދިރިއުޅުއްވާ ގެ އިމާރާތްކުރެވިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫއުން ވައްކަންކޮއްގެން ކަމަށް މީހުން ކުރާ ތުހުމަތުތަކާ މެދުގައި ވިދާޅުވަނީ ކީކޭތޯ ކަމަށް ކުރެވުނު ސުވާލެވެ.

ބެލުންތެރިޔާގެ މިސުވާލަށް ޑރ. މުއިއްޒުވަނީ ވަރަށް ތަފްސީލުކޮށް ޖަވާބުދެއްވާފަ އެވެ. މިގޮތުން ޑރ. މުއިއްޒު ވިދާޅުވީ އެބޭފުޅާ މިހާރު ދިރިއުޅުއްވާ މ. ދިމްޔާތު ހުންނަ ގޯއްޗަކީ އެބޭފުޅާގެ ބައްޕަގެ ގޯއްޗެއް ކަމަށެވެ. އަދި ޑރ. މުއިއްޒުއަކީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުކަމުން ބައްޕަ ނިޔާވުމުން އެ ގޯތި ލިބިވަޑައިގަތީ އެ ބޭފުޅާއަށް ކަމަށް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ 1990 ގެ އަހަރުތަކުގެ ތެރެއިން ފެށިގެން ދުވަހު ކުއްޔަށް އެތަނުން ކޮޓަރި ދޫކުރަމުންދިޔަ ކަމަށާއި، އެހެންކަމުން "ޒަމާނުއްސުރެ އާމްދަނީ ލިބެމުން ދިޔަ،" ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، މިހާރު އެތަނުގައި އިމާރާތްކުރެވިފައިހުރި "ދިމްޔާތު ސްޓޭ" ހޮޓަލަކީ އޭރު ލިބިފައިހުރި ފައިސާއާއި އަދި އެބޭފުޅާ ސިވިލް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރި އިރު ލިބުނު ފައިސާގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ނެގި ލޯނއް މެދުވެރިކޮށް އެޅި އިމާރާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވަނީ "އެހެން މީހުން ވެސް ގެ އަޅަނީ ލޯނު ނަގައިގެން ނޫނީ ދިގު މުއްދަތަށް ކުއްޔަށްދީގެން،"ކަން ފާހަގަކޮށްފަ އެވެ. އަދި އެބޭފުޅާ ވިދާޅުވީ މިއީ ވަރަށް ފަސޭހައިން ހޯދައިލެވޭނެ މައުލޫމާތުކަމަށާއި އަދި އިސްލާމިކް ބޭންކް މެދުވެރިކޮށްވެސް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ކުރެވޭ ތުހުމަތުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މިނިސްޓަރުކަމުގައި 6 އަހަރާއި 9 މަސް ހުންނެވި އިރު 12 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަވާފައިވާ ކަމަށެވެ. އެހެންނަމަވެސް، ދުވަހަކުވެސް އެއިން މަޝްރޫޢަކުން އަމިއްލަ ފައިދާއެއް ހޯދާފައި ނުވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އަދި އެކުގައި އެތައް ބަޔަކު މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް، ދުވަހަކުވެސް އެއްވެސް މަޝްރޫއެއް ވަކި ބަޔަކަށް ދިނުމަށް ނޫނޫ ނުދިނުމަށް ވެސް އަންގާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެބޭފުޅާ ރައްޔިތުންގެ ފައިސާގައި ދުވަހަކު ވެސް ޖެހިފައި ނޯންނާނެ ކަމަށެވެ. އަދި މިހާރުގެ ސަރުކާރަށް ދެ އަހަރަށޤވުރެ ގިނަ ދުވަސް ވެފައިވާއިރު އެފަދަ ކަމެއް ހިނގާފައިވާނަމަ ހޯދާ ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.