ކުޅުދުއްފުށީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައި 14 ޖުލައި 2009 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ މި ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދާއި ފާތިމަތު ޒުނާ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ޒުނާއަކީ މެމްބަރުގެ އަނބިކަނބަލުންނެވެ. މިއީ 47 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ދޮންބެޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ.
ކުޅުދުއްފުށީ 105 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ޕްލޭނިން މިނިސްޓްރީން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ. އަދި އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މި 105 ހައުސިން ޔުނިޓްތަކުގައި ނިންމުމަށް ކުރަން ހުރި އެންމެހާ މަސައްކަތްތައް ކުރުމަށް ވަނީ ހަވާލުކޮށްފަ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މިއީ 2011 ވަނަ އަހަރު ޢިމާރާތްކުރުމަށް ފަށާފައިވާ ފްލެޓްތަކެކެވެ. ކުޅުދުއްފުށީގައި ތިން ސަރަހައްދެއްގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައިވެ އެވެ. އެގޮތުން ކަނބޯރަނި ހިޔާ އާއި މާފަލު ހިޔާ އަދި ވެލިގަނޑު ސަރަހައްދުގައި ހަދަން ފަށާފައިވާ ހައުންސިންގ ޔުނިޓްތައް ހިމެނެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ޕްރޮޖެކްޓްތައް ރާއްޖޭގެ ހުރިހާ ދިމާލެއްގައި އިފްތިތާޙުކޮށް ބިންގާ އެޅުމުގެ ރަސްމިއްޔާތުތައް ދަނީ ބާއްވަމުންނެވެ.
ސަރުކާރުގެ އެތެރޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހާރު ވެސް ޕްރޮޖެކްޓްތަކުން ވައްކަން ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ އަދި އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ އިބްރާހީމް އިސްމާއީލް (އިބްރާ) ވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އެ ގޮތުން އިބްރާގެ ޓުވިޓާގައި ލިޔުއްވާފައިވަނީ ކޮންމެ މަޖިލިސް މެމްބަރަކު ލައްކައިން ނަގަމުންދާ ކަމަށެވެ. އަދި ކޮންމެ ހައުސިން ސްކީމަކީ ކޮންސްޓްރަކްޝަން ކުންފުންޏަކާ ވަޒީރަކާ އެމްޕީއިންނަށް މިލިއަނުން ވައްކަންކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެލަވަންސްއާއި ބޮޑު މުސާރަ ލިބޭއިރު "ބަޓަން" އެލަވަންސް ވެސް ދޭން ޖެހޭ ކަމަށާއި ބިޑަށް ލާ އެއްޗެއް މެމްބަރުގެ ކުންފުންޏަށް ނުލިބިއްޖިއްޔާ ކޮންމެވެސް ވަޒީރަކު "ނޮޅާލާނެ" ކަމަށް ވެސް އިބްރާ ލިޔެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ކުންފުންޏަކަށް ހުޅުމާލޭގައި ކްލިނިކެއް އަޅާ ހިންގަން ދިން މައްސަލައެއް ވެސް ދާދިފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ.
އެޗްޑީސީ އިން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޑީވައިއެމް އަށެވެ. ޑީވައިއެމް އަކީ ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. 2016 ވަނަ އަހަރު ރެޖިސްޓަ ކުރި މި ކުންފުނީގެ ހިއްސާދާރަކަށް ރޮޒައިނާ ވެވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ވާދަވެރި ބިޑަކުން މެމްބަރެއް ގެ ހިއްސާވާ ކުންފުންޏަކަށް ބިޑެއް ކާމިޔާބު ވުމަކީ ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް ނޫން.