ގާނޫނީ ވަކީލު ޒުންނަވާރު ސަލީމާއި އޭނާގެ އަންހެނުން މެހެނާޒް ހުސައިންގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ބާ ކައުންސިލުން ހިފަހައްޓައިފި އެވެ.
ބާ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެެއްބަސްވުމެއްގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް ނޯޓަރައިޒްކުރި އިރު، މެހެނާޒް ހުސައިން އަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް ޒުންނަވާރު ސަލީމް ސޮއިކުރައްވާފައިވާ ކަމަށެވެ.
މެހެނާޒަށް ދީފައިވާ ޕަބްލިކް ނޯޓަރީގެ ހިދުމަތް ދިނުމުގެ ހުއްދައިގެ ދަށުން ޒުންނަވާރު ނޯޓަރައިޒްގެ ހިދުމަތް ދީފައި ވާތީ އެ ދެމަފިރިން މީގެކުރިން 100،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.
ބާ ކައުންސިލުން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ނިންމީ ޒުންނަވާރު 15 މަސް ދުވަހަށް އަދި މެހެނާޒް 12 މަސް ދުވަހަށް ގާނޫނީ ވަކީލު ކަމުގެ ޚިދުމަތްތައް ދިނުމުން ސަސްޕެންޑުކުރުމަށެވެ. އެ ނިންމުން ނިންމީ 2021 ވަނަ އަހަރު އެއްބަސްވުމެއްގެ ސައްހަކަން ކަށަވަރުކުރުމުގައި، މެހެނާޒަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީގެ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު ސޮއި ކޮށްފައިވާ މައްސަލައެއްގަ އެވެ.
އެ ބަޔާނުގައި ވަނީ އެ އަމަލުތަކަކީ ޕަބްލިކް ނޯޓަރީގެ ސައްހަކަމާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދޭނެ ފަދަ އަމަލުތަކެއްކަމަށެވެ. އަދި އެ އަމަލުތަކުގެ ސަބަބުން އާންމު މުޖުތަމައުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މެދު އިތުބާރު ގެއްލިދާނެ ކަމަސް ވެސް އެ ބަޔާނުގައިވެ އެވެ.
އެ މައްސަލައި ބަލައި ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސް ދުވަަހަށް އަދި މެހެނާޒްގެ ހުއްދަ 12 މަސްދުވަހަށް ވަނީ ހިފަހައްޓައިފަ އެވެ.
ގާނޫނީ ވަކީލަކަށް ވުމަށް ސައްހަ ނޫން ބެޗްލާސް ޑިގްރީ ސެޓްފިކެޓެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހެޅި މައްސަލާގައި ދައުލަތުން މީގެކުރިން ޒުންނަވާރުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ އޭނާ ޖޫރިމަނާކޮށްފައިވެ އެވެ. ގާނޫނީ ވަކީލުކަމުގެ ސައްހަ ސެޓްފިކެޓް އޭނާއަށް ލިބުނީ ފޭކް ސެޓްފިކެޓް ހުށަހެޅި ފަހުން ތައުލީމު ހާސިލުކޮށްގެންނެވެ.