ލ. މަހަކަންފުށި ކައިރީގައި މަސް ހިފަން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މިއަދު ހެނދުނު އެހެން ބަޔަކާއެކު ދާ ޖަހައިގެން މަސް ހިފަން ގޮސް އުޅެނިކޮށް، ގެއްލިގެން ހޯދަމުން ދިޔައީ، ލ.ގަމަށް ނިސްބަތްވާ، އަބްދުލްސަމަދު މުހައްމަދު (ސަމަދު) އެވެ.

އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް، ފެނުނީ، ގޮނޑުދޮށުން ނިޔާވެފައި އޮއްވައި ކަމަށް ގަމު ކައުންސިލުން ބުނެ އެވެ.

ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ، ސަމަދުގެ ހަށިގަނޑު ފެނުމާއެކު ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، އިތުރު ތަފްސީލު އަދި ނުލިބޭ ކަމަށެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލަ މިއަދު ހެނދުނު 9:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ. އަދި ސަމަދު ގެއްލިގެން، ވަގުތުން ކަމާގުޅޭ އިދާރާތަކާ މައުލޫމާތު ހިއްސާކޮށް ހޯދުމުގެ މަސައްކަތް ފެށި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނިގޮތުގައި ސަމަދު ފެނުނީ މޫދު އަޑިންނެވެ. އަދި އޭނާ އޮތީ މަރުވެފައި ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.