ކުރީ ސަރުކާރުން އެޅި ހިޔާ ފްލެތްތަކުގެ ގުރުއަތުލުން (ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން) އެޗްޑީސީން މިއަދު ފަށައިފި އެވެ.

ގުރުއަތުލުމުގެ ލުމުގެ ރަސްމިއްޔާތު ބައެއް ޓީވީތަކުން ލައިވްކޮށް ދައްކަމުން ދާއިރު، ފްލެޓް ލިބުނު މީހުންނަށް އެކަން މެސެޖަކުން އަންގާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ގުރުއަތުލުމުގެ މަަރުހަލާ އެޗްޑީސީން މިއަދު ކުރިއަށް ގެންދަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓެގަރީ (އެޗް10) އިން ފްލެޓް ލިބުނު މީހުންގެ މެދުގަ އެވެ.

ހިޔާ ފްލެޓްގެ ގޮތުގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރު ހިމެނޭ ހިޔާ ފްލެޓްތަކުގެ އަގު އިއްޔެ ސަރުކާރުން އިއުލާންކޮށްފައިވާއިރު ދޭން ހަމަޖެހިފައިވަނީ ކުރީ ސަރުކާރުން ދޭން ކަނޑައެޅި އަގަށް ވުރެ ބޮޑުކޮށްނެވެ.

ކުރީ ސަރުކާރުން އެޅި ހިޔާ ފްލެތްތަކުގެ ގުރުއަތުލުން އެޗްޑީސީން މިއަދު ކުރިޔަށް ގެންދަނީ. އެ ރަސްމިއްޔާތު ބައެއް ޓީވީތަކުން ލައިވްކޮށް ދައްކަމުން ދާއިރު، ފްލެޓް ލިބުނު މީހުންނަށް އެކަން މެސެޖަކުން އަންގާނެ ކަމަށް ބުނޭ. ފޮޓޯ: އެޗްޑީސީ

ކުރީ ސަރުކާރުން ހިޔާ ފްލެޓް ދޭން ނިންމާފައިވަނީ 5،600ރ. އަށް ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުމެއްގައި ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތައް ޑާއުން ޕޭމެންޓާއި ނުލައި ދޫކުރެވޭނެ އަގަކީ 7،500ރ. އަށް ކަމަށެވެ.

ހިޔާ ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއި ކުރާނެ ތާރީހެއް ނުވަތަ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް، އަންނަ މަހުގެ ތެރޭގައި ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.