ހުކުރު ދުވަހަކީ ހަފްތާގެ އީދު ދުވަހެވެ. އާއިލާގެ އެންމެން އެއްތަނަކުން ބައްދަލުވާ އާއިލާގެ ދުވަހެވެ.
މިދުވަސް އިތުރަށް ފުރިހަމަ ކޮށްދެނީ އެ ދުވަހުގެ މެންދުރު ނާސްތާގެ ސުފުރާއިންނެވެ. އެކި ވައްތަރުގެ ކާބޯތަކެތި ނަންހުސްކޮށް ކޮންމެ ގެއެއްގެ ސުފުރާމަތިން ފެންނައިރު އެ ސުފުރާމަތި ފަޅުފިލުފައިދޭ މައިގަނޑު އެކައްޗަކީ ކުކުޅެވެ.
ހުކުރު ދުވަހެއް އައިސްފިނަމަ ގޭގައި ކުކުޅު ހެދުމަކީ ދިވެހިންގެ ތެރޭގައި އޮތް ޒަމާންވީ އާދައެކެވެ. އެހެނީ ހުކުރު ދުވަހު ކުކުޅުގެ ކޮންމެވެސް ބާވަތެއް ސުފުރާމަތިން ނުފެންނަ ގެއެއް ރާއްޖޭގައި މަދުވާނެ އެވެ.
ވަރަށް ފަހަކާ ޖެހެންދެން ވެސް ދިވެހިންގެ ކުކުޅު ކެއުން ފުރިހަމަ ވާނީ ދިވެހި ހަވާދުގައި ހަދާ ކުކުޅު ރިހަގަނޑާއި ބަތުގެ އިތުރުން ސަޓަންޏާއި ޕާޕަރުން ސުފުރާމަތި ފަޅުފިލީމަ އެވެ. ނަމަވެސް ޒަމާނާއެކު އެ ސަގާފަތް ބަދަލުވެ މިއަދު ސުފުރާމަތިން ފެންނަނީ ހުޅަނގުގެ ރެސިޕީތަކަށް ހަދާފައި ހުންނަ ކުކުޅުގެ ބާވަތްތަކެވެ. ޗިކަން ނޫޑްލްސް އާއި ޗިކްން ރައިސްއެވެ. ބަޓަރު ޗިކަން އާއި ގާލިކް ޗިކަން އެވެ.
ކޮންމެ ގޮތަކަށް ކޮންމެ ނަމެއްގައި ތައްޔާރު ކުރިނަމަވެސް ކުކުޅަކީ ދިވެހިންގެ ހުކުރު ދުވަހުގެ ސަގާފަތާ ގުޅިލާމެހިވާ އެއްޗަކަށް ވަނީ ވެފަ އެވެ. އެއީ އެއާނުލާ ހުކުރު ދުވަސް ފުރިހަމަނުވާ އެއްޗެކެވެ.