އެސްޓްރާޒެނިކާ ވެކްސިނާ ބެހެގޮތުން ޔޫރަޕިއަން ޔޫނިއަން އިން ކަންބޮޑުވުން ފާޅުކުރަން ފެށިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެއީ އެ ވެކްސިނާ ގުޅިގެން ބްލަޑް ކްލޮޓް (ގަނޑު ލޭކޮޅެއް) އުފެދުމުގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

މިމައްސަލަ ފާހަގަވުމާއެކު އީޔޫ އިން އެސްޓްރާޒަންކާގެ ވެކްސިން ޖެހުން ވަގުތީ ގޮތުން މެދުކަނޑާލި އެވެ. އެހިސާބުން މުޅި ދުނިޔޭގެ ސަމާލުކަން އޮކްސްފޯޑް އެސްޓްރަޒަންކާގެ ވެކްސިނާ ދިމާލަށް ހުއްޓުނެވެ. ވެކްސިން އުފެއްދި ގައުމު، އިނގިރޭސި ވިލާތުގެ ވެކްސިން ރެގިއުލޭޓަރީ ބޮޑީ އިން ވެސް ބްލަޑް ކޮލްޓުގެ މައްސަލަ ދިރާސާ ކުރަން ފެށި އެވެ.

ގާތްގަނޑަކަށް ހަފުތާއެއްގެ ދިރާސާތަކަށްފަހު ޔޫރަޕިއަން މެޑިސިން އޮތޯރިޓީ (އީއެމްއޭ) އިން ނިންމީ ބްލަޑްކްލޮޓަކީ އެސްޓްރާޒެނިކާ ވެކްސިންގެ އާދަޔާ ޚިލާފަށް ކުޑަ ސައިޑް އިފެކްޓެއް ކަމަށެވެ.

އެ އޮތޯރިޓިން ނިންމި ގޮތުގައި އެ ސައިޑް އިފެކްޓަކީ ކޮރޯނާ ވައިރަސް އާ ދެކޮޅަށް ވެކްސިނުން ކުރާ ފައިދާއާ އަޅާ ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. ކޮވިޑް ޖެހޭ ގިނަ ބަޔަކު އެ ވެކްސިނުގެ ސަބަބުން މަރުން ސަލާމަތް ކޮށްދޭތީ ވެކްސިނުން ކުރާ ކުޑަކުޑަ ސައިޑް އިފެކްޓަކާ ހެދި ވެކްސިން ޖެހުން ހުއްޓާލުން ބުއްދި ވެރި ނޫން ކަމަށް ވެސް ނިންމި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ އެ ނިންމުމާއެކު އިނގިރޭސި ވެކްސިން ރެގިއުލޭޓަރީ ބޮޑީން ވެސް ވަނީ ދާދި އެއްކަހަލަ ނިންމުންތަކެއް ނިންމައިފަ އެވެ. މައިގަނޑުގޮތެއްގައި އިނގިރޭސިވިލާތުން ވެސް ގަބޫލުކުރާގޮތުގައި ބްލަޑް ކްލޮޓާ އޮކްސްފޯޑް އެސްޓްރާޒެނިކާ ވެކްސިނާ ގުޅުމެއް އެބައޮތެވެ. އެހެނަސް އެކަން ވަނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.

ޔޫރަޕިއަން ޔޫނިއަނެކޭ އެއްފަދައިން އިނގިރޭސިވިލާތުން ވެސް ނިންމީ ވެކްސިން ދިނުން ކުރިޔަށް ގެންދާށެވެ. އިނގިރޭސި ވިލާތުން މިގޮތަށް ނިންމި ނަމަވެސް އުމުރުން ތިރީސް އަހަރުން ދަށުގެ މީހުނަށް އެސްޓްރަޒެނިކާގެ ބަދަލުގައި އެހެން ވެކްސިނެއް ދިނުމަށް ނިންމި އެވެ. ނަމަވެސް އެއީ އެ އެވެކްސިން ލިބެން ހުރި ހިސާބުތަކުގަ އެވެ. އެހެން ހިސާބުތަކުގައި ކޮންމެ އުމުރުފުރައަކަށް ވެސް އެސްޓްރާޒެނިކާގެ ވެކްސިން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިގޮތަށް މިދިޔަ އަންގާރަ ދުވަހު ނިންމިކަމަށް ވިޔަސް އޭގެ އެއް ދުވަސް ފަހުން އެންއެޗް އެސް އިން ވަނީ އެ ނިންމުން ބަދަލުކޮށް ތިރީސް އަހަރުން ދަށުގެ އެންމެނަށް ވެސް ވެކްސިން ދިނުމަށް ހަދާފައިވާ އެޕްއިންޓްމެންޓްތައް ކެންސަލް ކޮށްފަ އެވެ.

އޮކްސްފޯޑް އެސްޓްރާޒެނިކާ ވެކްސިން އިން ބްލަޑް ކްލޮޓް އުފެދޭ ނިސްބަތެއް ކަމަށް ވަނީ ކޮންމެ މިލިއަނަކުން ހަތަރެކެވެ. ނުވަތަ ކޮންމެ ދެލައްކަ ފަންސާސް ހާސް މީހެއްގެ ތެރެއިން އެކަކަށް ބަލި ޖެހިދާނެކަމުގެ ބިރު އޮވެ އެވެ. ފާއިތުވި މާޗް 30 އާ ހަމަޔަށް އިނގިރޭސިވިލާތުގައި މި ވެކްސިން ދިން 25 މިލިއަން މީހުންގެ ތެރެއިން 79 މީހަކަށް ބްލަޑް ކްލޮޓްގެ އަސްރު ކުރި އެވެ. އެއިގެ ތެރެއިން 19 މީހަކު ވަނީ މަރުވެފަ އެވެ.

މި ހިސާބުތަކަށް ބަލައި ޔޫރަޕާއި އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން ނިންމަނީ ވެކްސިނުން ލިބޭ ފައިދާ އާ އަޅާ ބަލާއިރު ސައިޑް އިފެކްޓަކީ ވަރަށްކުޑަ މިންވަރެއް ކަމުން ވެކްސިން ދިނުން ކުރިޔަށް ގެންދިއުމަށެވެ. ބްލަޑް ކްލޮޓާ ބެހޭ އެކްސްޕާޓުން ބުނާ ގޮތުގައި ވެކްސިނުން ބްލަޑް ކްލޮޓް އުފެދޭ ކަމަށް ބެލެވޭ މިންވަރަކީ އާންމުކޮށް ބޭނުން ކުރާ ބައެއް ބޭސްތަކުން ވެސް މި މައްސަލަ ދިމާވުމަށް އޮންނަ ފުރުސަތަށް ވުރެ ވެސް ހަނި ފުރުސަތެކެވެ.

ބައެއް ގައުމުތަކުން މިހާރު ގެންދަނީ އެސްޓްރާޒެނިކާގެ ވެކްސިންގެ ބަދަލުގައި އެހެން ވެކްސިނެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެއިގެ ތެރޭގައި އޮސްޓްރޭލިއާ އާއި ފިލިޕިންސާއި އެފްރިކަން ޔޫނިއަންގެ ގައުމު ތައް ހިމެނެ އެވެ. މީގެ މައިގަނޑު ސަބަބަކީ މި ވެކްސިން އެންމެ ފުޅާ ދާއިރާއެއްގައި އުފައްދާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ވެކްސިން އެކްސްޕޯޓު ކުރުން ވަގުތީ ގޮތުން މެދު ކަނޑާލުމެވެ. މިއީ އެގައުމުގައި ބަލި ޖެހޭ މީހުން އާދަޔާ ޚިލާފަށް ގިނަވުމާ ގުޅިގެން ގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުން އިތުރު ކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. ދުނިޔޭގައި އޮކްސފޯޑް އަސްޓްރަޒްންކާގެ ވެކްސިން އެންމެ ގިނައިން އުފައްދަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުންނެވެ. މިވެކްސިނަށް އިންޑިއާގައި ކިޔާނަމަކީ ކޮވިޝީލްޑެވެ.