އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރިޓަޔާކުރައްވައިފި ނަމަ، އެ ބޭފުޅަކަށް އިތުރު އެލެންސްތަކެއް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ފަނޑިޔާރުންގެ ރިޓަޔާމެންޓް ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ޖޭއެސްސީން އަންނަނީ ކުރަމުންނެވެ. އޭގައިވާގޮތުން ރިޓަޔާކުރާ ފަނޑިޔާރުންނަށް އިތުރު އެލަވަންސްތަކެއް ލިބެއެވެ. ޖޭއެސްސީން މާލިއްޔަތު ކޮމިޓީގައި އެދުނީ އޭގައިވާ އިތުރު އެލަވަންސްތައް ދިނުމާ މެދު ގޮތެއް ނިންމުމަށެވެ.

ޖޭއެސްސީން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ ރިޓަޔާ ކުރައްވާ އުއްތަމަފަނޑިޔާރަކަށް ދަތުރުފަތުރުގެ އެލަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށް ބޭނުންވާކަމަށް ހިމަނާފަ އެވެ.

މީގެއިތުރުން، ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

މިހާރު އޮތްގޮތުންނަމަ މިހާރުގެ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން ލިބިވަޑައިގަންނަވާނީ 185،100ރ. އެވެ. ނަމަވެސް ޖޭއެސްސީން ފޮނުވި ސިޓީގައިވާގޮތަށް ނިންމައިފިނަމަ މުއުތަސިމަށް ލިބިވަޑައިގަންނަވާނީ 493،600ރ. އެވެ.

މުއުތަސިމް ވަނީ ރިޓަޔާކުރައްވަން މިދިޔަ މެއި މަހުގެ ތެރޭގައި ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުމާ މެދު އެ ކޮމިޝަނުން އަދި ވަކިގޮތެއް ނުނިންމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމެންޓް ޕެންޝަންގެ އަދަދު ބޮޑުކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާ ކަމުގައިވާ ނަމަ، އުއްތަމަފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅަކު ޝަރުވެރިކަމާ އެކު ގެންގުޅުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދައުލަތުގެ ވެސް ޒިންމާއެއް،" ނާޒިމް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމަށް ބޮޑު ޕެންޝަނެއް ދޭން އުޅެނީ ސަރުކާރުން ބޭނުންވިގޮތަށް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ސުޕްރީމް ކޯޓު ގެނައުމަށް ފުރިހަމަ އެއްބާރުލުން އެމަނިކުފާނު ދެއްވުމުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.