މި އަހަރު ފެށުނީއްސުރެން މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކޯސްޓު ގާޑުން 127 މީހެއްގެ ފުރާނަ ސަލާމަތްކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ނަވާރަ ވަނަ ކޯސްޓް ގާޑް ބޭސިކް ކޯސް ނިންމުމަށް މިދިޔަ ބުދަދުވަހު ސަދަން އޭރިޔާގެ ހެޑް ކުއާޓާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، މޫދުގައި ގެނބިގެން މަރުވާ މީހުން ހޯދުމަށް ކޯސްޓު ގާޑުގެ ޑައިވަރުން ކުރަނީ ނަމޫނާ މަސައްކަތެއް ކަމަށެވެ. އަދި އެ ނަމޫނާ މަސައްކަތް ކުރުމަށް ކޯސްޓު ގާޑުގެ ޑައިވަރުން ދުވާލެއް ރޭގަނޑެއް ނުބަލާ ކަމަށެވެ.
މާރިޔާ ވިދާޅުވީ ރާއްޖޭގެ 99.7 ޕަސަންޓަކީ ކަނޑުގެ ސަރަހައްދު ކަމަށްވާއިރު އާންމު ދިރިއުޅުން ގުޅިލާމެހިފައި ވަނީ ކަނޑުތަކާ ކަމަށެވެ. އަދި ކޯސްޓު ގާޑުގެ އެންމެ ބޮޑުު މަސްއޫލިއްޔަތަކީ ކަނޑުތަށް ބެލެހެއްޓުން ކަމަށާއި މިއަދު ދުނިޔޭގެ ނުރައްކާތެރި މާހައުލަކީ މީގެ ކުރިން ދުނިޔެދުށް މާހައުލެއް ނޫން ކަމަށް ވިދާޅުވެ ކޯސްޓޫ ގާޑުން ކުރައްވާ މަސައްކަތުގެ މުހިންމުކަމަށް މާރިޔާ ވަނީ އަލިއަޅުއްވައިފަ އެވެ.
ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ހަތިޔާރާއި ބާރުގެ ބޭނުން ކޮށްގެން ގައުމުތަކަށް އަޅައި އަޅުވެތިކުރި ޒަމާން ފާއިތުވެ ހިނގައްޖެ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރާ މީހުންގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި ޓެރަރިޒަމް ފެތރުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރަށްތަކުގެ އަމަންއަމާންކަން ނަގާލައި މުޖްތަމައު ބައިބައި ކޮށްލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ނޮދަން އޭރިޔާއަށް ލެއްގި މަސްތުވާތެކެތި ވަގުތުން އަތުލައި އަމާނަތްތެރިކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހަވާލުކޮށް ސިފައިން ދެއްކި ނަމޫނާ ،މަސައްކަތަށް މާރިޔާ ވަނީ ފާހަގަކޮށްފަ އެވެ. އެއަށްފަހު ވިދާޅުވީ ރާއްޖެ އޮންނަ އިންޑިއާ ކަނޑުގެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މަސްތުވާތެކި ޓްރެފިކް ކުރުން ކަމަށެވެ. އަދި މަސްތުވާތަކެތީގެ އިތުރުން ހިޔުމަން ޓްރެފިކަން އާއި ކަނޑުފޭރުން ފަދަ ނުރައްކާތެރި ހާދިސާތަކުން ދިވެހި ގައުމު ސަލާމަތް ކުރަން ތިބި ބަޔަކީ ސިފައިން ކަމަށެވެ.
ކޮވިޑް-19އިގެ އެންމެ ނުރައްކާތެރި ހަލާތުގައި ވެސް ކޯސްޓު ގާޑުގެ ސިފައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ އަގުބޮޑު ރިޒޯޓްތަކާއި ފަޅުރަށްތަށް ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތް ކުރުމަށް ސިފައިން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.