މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށާއި، ޕާޓީ މިހާރަށް ވުރެ ބާރުގަދަވެގެންދާނީ "ކަށިކެޔޮގަނޑު އެކައްޗަކަށްވެގެން" ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާއި، ޕާޓީގެ ލީޑާޝިޕުގައި ނަޝީދާ ނުރުހޭ ބޭފުޅުން ތިއްބެވުމާ ގުޅޭގޮތުން ސުވާލުކުރެވުމުން ފައްޔާޒް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ ކަންކަން މަޑުމަޑުން ހިހޫވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖެ މިދާ މިސްރާބު ހުއްޓުވުމަށް އެމްޑީޕީ ވަރުގަދަވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
ޗެއާޕާސަން ފައްޔާޒް އިތުރަށް ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި އެމްޑީޕީއަށް ވަރުގަދަވެވޭނީ ޕާޓީއިން ވަކިވެފައި ތިބި ގިނަ ބަޔަކު އަލުން އެއްވެގެން ކަމަށެވެ. ޕާޓީ އެއްބައިކޮށް، އެކައްޗަކަށް ހެދިގެން މެނުވީ އެމްޑީޕީއަށް ފުރިހަމައަށް ބާރުގަދަ ނުވެވޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
ނަޝީދު ދެ އަހަރެއްހާ ދުވަސް ކުރިން އެމްޑީޕީއިން ވަކިވެވަޑައިގަތް ގޮތުން ޕާޓީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް ހުރިކަން ފައްޔާޒް ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، ސިޔާސީ މަސައްކަތުގައި މިފަދަ ކަންކަން ހިތުގައި ލައިގެން ކުރިއަށް ނުދެވޭނެ ކަމަށް އޭނާ ބަޔާންކުރެއްވި އެވެ. ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، ސިޔާސީ ގޮތުން ކުރިއަށް ދިއުމަށްޓަކައި އެފަދަ ކަންތައްތައް ހިތުގައި ނުލައި އުޅުމަށް ދަސްކުރަންޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު، ޕާޓީގެ ގިނަ މެންބަރުން އެކަން ބަލައިގެންފައިވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. ލިބުނު ފީޑްބެކުން 90 އިންސައްތަ މެންބަރުން ޕާޓީ އެއްބައިކޮށް ކުރިއަށް ދިއުމަށް ތާއީދު ކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެއީ ޕާޓީ އެކުވެގެން މެނުވީ އެމްޑީޕީއަށް ހަރުދަނާކޮށް ކުރިއަށް ނުދެވޭނެ ކަމަށް ގިނަ މެންބަރުން ގަބޫލުކުރާތީ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު، މިދިޔަ ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ޕާޓީއާ ދުރުގައި ދެ އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު އަލުން އެނބުރި ގެއަށް އާދެވުނުކަމުގެ އިހުސާސް މިހާރު ކުރެއްވޭ ކަމަށެވެ. އެފްރިކާގައި ދިރިއުޅުއްވަމުން ގޮސް އަލުން ރަށަށް އާދެވުމުން ލިބޭ އުފާ އާއި ހިތްހަމަޖެހުން ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.