މަގާމުން ވަކިކުރެވޭ ނުވަތަ އަމިއްލައަށް އިސްތިއުފާދޭ ފަނޑިޔާރުންނަށް ދެ އަހަރުގެ މުއްދަތަކަށް ވަކީލުކަން ކުރުން މަނާކުރުމުގެ ގާނޫނީ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައުމަށް ހުށަހެޅި މި ބަދަލުގެ މައިގަނޑު މަގުސަދަކީ، މަގާމުން ވަކިވާ ނުވަތަ ވަކިކުރެވޭ ފަނޑިޔާރުން ވަކި މުއްދަތަކަށް ވަކީލުކަން ކުރުން މަނާކުރުމެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރެއް މަގާމުން ވަކިވި ނުވަތަ ވަކިކުރި ދުވަހުން ފެށިގެން ދެ އަހަރުގެ މުއްދަތަކަށް، އެ ފަނޑިޔާރަކު ފާއިތުވި ތިން އަހަރު މަގާމު އަދާކުރި އެއްވެސް ކޯޓެއްގައި ވަކީލެއްގެ ގޮތުގައި ހާޒިރުވެ ނުވަތަ މަސައްކަތެއް ކުރެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ އެވެ.

މީގެ އިތުރުން، އެ ފަނޑިޔާރަކު މަގާމުގައި ހުންނަވައިގެން ބަލާފައިވާ މައްސަލައެއްގައި، އެމީހެއްގެ މަސްލަހަތު ފުށުއަރާ ހާލަތެއް ދެމިއޮތްހާ ހިނދަކު، ދެ އަހަރުގެ މުއްދަތުގައި ވެސް އަދި އެ މުއްދަތަށް ފަހު ވެސް، އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައަކާ ގުޅުންހުރި އެހެން އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓަކަށް ހާޒިރުވުން ނުވަތަ ގާނޫނީ އެހެން މަސައްކަތެއް ކުރުން މި ބިލުގެ ދަށުން މަނާވާނެ އެވެ.

ފަނޑިޔާރުންނާ ގުޅޭ އިތުރު އިސްލާހެއްގެ ގޮތުގައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އެ ފަނޑިޔާރަކު އަމިއްލައަށް މަގާމުން އިސްތިއުފާ ދީފިނަމަ، މަގާމުން ވަކިވުމުން ލިބޭ އެއްވެސް އިނާޔަތެއް ނުލިބޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. މިފަދަ ހާލަތްތަކުގައި އިނާޔަތް ނުލިބޭ ގޮތަށް ޖޭއެސްސީން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ގަވާއިދެއް އެކުލަވާލާފައި ވެސްވެ އެވެ.