ކުދިން ބޮޑުވަމުން އަންނަ އިރު އެންމެ އުނދަގޫ އެއް ހަރުފަތަކީ ފުރާވަރުގެ އަހަރުތަކެވެ. މިއީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުއްޖާއަށް އެތައް ބަދަލުތަކެއް ގެނުވައިދޭ އަހަރުތަކެކެވެ. ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް ކުއްޖާގެ ހިތުގައި އުފެދި އެ ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުންވާނެ އުމުރެކެވެ.
މި އަހަރުތަކުގައި ކުއްޖާއަށް އިތުރު ސަމާލުކަމެއް ދިނުމަކީ ވަރަށް މުޙިއްމު ކަމެކެވެ. އެހެން ނޫންނަމަ ކުއްޖާ ހަމަ މަގުން ކައްސާލައި ނުބައި ގޯޅިއެއް އެޅުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. އެހެންކަމުން މި އުމުރުފުރާގެ ދަރިއަކު ހުރިނަމަ ތިރީގައި މިވާ ކަންތައްތައް ކިޔާލުން ރަނގަޅެވެ.ތިބާއަކީ ތިބާގެ ދަރިފުޅުގެ އެންމެ ގާތް ރަޙުމަތްތެރިޔާ ކަމުގައި ވާށެވެ. ކުއްޖާއާއިއެކު ގިނަ ވަގުތު ހޭދަކޮށް ތިބާގެ ދިރިއުޅުމުގެ ކަންކަމާއި ތަޖުރިބާ ޙިއްސާ ކުރާށެވެ.
ތިބާއަކީ ދަރިފުޅުގެ ސިއްރުތަކުގެ އަމާނާތްތެރިއެއްކަން ޔަޤީން ކޮށްދޭށެވެ. މިގޮތުގެ މަތިނު ކުއްޖާގެ ހިތުގައި ތިބާއާއި މެދު ޙާއްސަ އިތުބާރެއް އުފެދި ކަންތައްތައް ޙިއްސާ ކުރަން ފަށާނެއެވެ. ކަންކަމުގައި ތިބާގެ ލަފައާއި ނަސޭހަތަށް އަހާނެ އެވެ. މީގެ އިތުރުން ވެސް ކުއްޖާ ބޮޑުވަމުންދާ ވަރަކަށް ހެޔޮ ގޮތަ ކިޔައިދީ ދޫ ދެމުން ގެންދާށެވެ. ހިފަހައްޓަން އުޅުމުގެ ނަތީޖާއަކަށް ވާނީ ކުއްޖާ ސިއްރުން ކަންތައްތައް ކުރަން ފެށުމެވެ.
މިކަންކަމަށް ވިސްނައި ތަރުބިއްޔަތު ކުރުމުން ބައްޓަން ކުރާށެވެ. ފުރާވަރުގެ އުމުރުފުރައަކީ އެންމެ ގިނައިން ކުދިން ނުރައްކަލަށް ހުށައެޅޭ އުމުރު ކަމަށްވުމާއެކު މި އުމުރަށް އިތުރަށް ސަމާލުކަން ދޭށެވެ. މި އަހަރުތަކުގައި ކުއްޖާގެ އުޅުން ރަނގަޅަށް ތަރުބިއްޔަތު ކުރެވިއްޖެނަމަ ކުއްޖާގެ މުސްތަޤްބަލް އަލިވެ އުޖާލާ ވާނެއެވެ