މިޔަންމާގެ ދިފާއީ ބާރުތަކާއި އާއްމުންނާ ދެމެދު ހިނގި ހަމަ ނުޖެހުމެއްގައި 80 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ އެވެ.
އެ ގައުމުގެ ބާގޯގައި ކުރިއަށް ދާ ހަމަނުޖެހުންތައް ދެމަހަށްވުރެ ދިގުދެމިގެން ގޮސްފައި ވާއިރު، އެ ހަމަނުޖެހުންތަކުގައި އެކި ފަހަރު މަތިން ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.
މަރުވި މީހުންގެ ހަށިތައް ސިފައިން ގެންގޮސްފައި ވާއިރު މަރުވި މީހުންގެ ޖުމްލަ އަދަދު ސިފައިން ހާމަކޮށްފައި ނުވާ ކަމަށް އެގައުމުގެ އިދިކޮޅު އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ހަމަ ނުޖެހުންތަކުގައި ސިފައިން ވަނީ ބަރު ހަތިޔާރު ބޭނުންކޮށް އާއްމުންނާ އަމާޒުކޮށް ހަމަލާތައް ފޮނުވާފަ އެވެ.
ދެކުނު އިރުމަތީގެ ގައުމެއް ކަމަށްވާ މިޔަންމާގެ މި ހަމަނުޖެހުންތަކަކީ ފާއިތުވި ފެބްރުއަރީ މަހު އެ ގައުމުގެ ސަރުކާރުގެ މައްޗަށް ދިފާއީ ބާރުތަކުން އަތް ގަދަ ކޮށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރުމުގެ ސަބަބުން ފެށުނު ހަމަ ނުޖެހުންތަކެކެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލް ކޮށް ގައުމުގެ ސިޔާދަތު އަނބުރާ ގެނައުމަށް އެގައުމުގެ ސަރުކާރުން ވަނީ އަވަށްޓެރި ގައުމުތަކާއި އެކުވެރި ދަޢުލަތްތަކުގެ ( އދ ) ގެ އެހީއަށް އެދިފަ އެވެ.