އިޒްރޭލުގެ އަސްކަރިއްޔާއިން ސީރިއާގެ ވެރިރަށް، ދިމިޝްގަށް ދިން ހަމަލާތަކާ ގުޅިގެން ސޫރިޔާގެ ދެކުނުގައި އޮތް އަލް-ސުވަޔިދާގައި ހަރަކާތްތެރިވަމުން ދިޔަ އެ ގައުމުގެ އަސްކަރިއްޔާގެ ސިފައިން އެ ސަރަޙައްދުން ފައިބަން ފަށައިފި އެވެ.
އިޒްރޭލުން ސީރިއާއަށް ހަމަލާދިނީ ދްރޫޒީން ނުވަތަ ދްރޫޒީ ދީނަށް އަޅުކަން ކުރާ މީހުން ދިރިއުޅޭ މި ސަރަހައްދުގެ އާއްމުންގެ ދިފާއުގައި ކަމަށް ބުނެ އެވެ.
ސީރިއާގެ ވެރިރަށަށް ދިން މި ހަމަލާގައި 3 މީހަކު މަރުވެފައިވާއިރު، އެމެރިކާއިން ވަނީ ސީރިއާ އާއި އިޒްރޭލާ ދެމެދު މަޝްރަހު އިތުރަށް ގޯސްވުމުގެ ކުރިން އެގައުމުގެ އޮފިޝަލުން ފޮނުވާފަ އެވެ.
މިގޮތުން އެމެރިކާ އާ އެކު ކުރިއަށްދިޔަ މަޝްވަރާތަކުގައި ސީރިއާއިން ވަނީ ސުވައިޔިދާގައި ތިބި އެގައުމުގެ އަސްކަރިއްޔާ އެތަނުން ފައިބަން އެއްބަސްވެފަ އެވެ.އެ އެއްބަސްވުމާ އެކު، ސުވަޔިދާގައި ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް އައިސްފައިވާ ކަމަށާއި، ހަމަނުޖެހުންތަކަށް ނިމުމެއް ގެނެވިފައިވާ ކަމުގައި އެގައުމުން ބުނެ އެވެ.
އިޒްރޭލުން ދިމިޝްގަށް ދިން ހަމަލާގައި ވަނީ އެގައުމުގެ ސަރުކާރުގެ އެކި އިމާރާތްތަކަށް ހަމަލާ އަމާޒުކޮށްފަ އެވެ. މިގޮތުން އެގައުމުގެ މިނިސްޓްރީ އޮފް ޑިފެންސް ހިންގާ އިމާރާތަށް ހަމަލާ ދިން މަންޒަރުވަނީ ސީރިއާގެ ޓީވީ ޗެނަލަކަށް ލައިވްކޮށް އަރާފަ އެވެ.
މިކަމާ ގުޅިގެން ސީރިއާގެ ރައީސް އަލްޝަރާ ވަނީ އިޒްރޭލުން އެގައުމު ބައިބައި ކުރަން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރައްވާ، ދްރޫޒީންގެ ހައްގުތައް ރައްކާތެރި ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.