ރާއްޖޭގެ ދަރަނީގެ ބޮޑު އިންސައްތަ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ބޮޑު ލޯނު ކަމަށާއި އެކަމުގެ ޒިންމާ އެމަނިކުފާނު ނަގަންގަވަންޖެހޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްވި ވާހަކައަށް ޔާމީން ރައްދު ދެއްވައިފި އެވެ.
ފައްޔާޒް ދާދިފަހުން އެކްސްގައި ވިދާޅުވެފައި ވަނީ ޖީއެމްއާރްގެ އަތުން އެއާޕޯޓް އަތުލުމަށްފަހު އެ ކުންފުންޏަށް ބޮޑު ބަދަލެއްދީ، އެއާޕޯޓް ތަރައްގީކުރަން ބޮޑު ލޯނެއް ނެގުމަކީ ރާއްޖޭގެ މިއަދުގެ ދަރަނީގެ ބޮޑު އިންސައްތައެއް ކަމަށެވެ. ދއެކަމާ އޭނާ ކަންބޮޑުވުންފާޅުކުރެއްވި އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި އެކަމަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ފެނުނީ އެހެން ސަރުކާރުތަކުން ވިއްކާފައިވާ އެސެޓްތައް ވިއްކާލި މަންޒަރު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއަކާލައި ދިރާގުގެ ހިއްސާ ވިއްކާލުމުގެ އިތުރުން ރާއްޖޭގެ މައި އެއާޕޯޓް އެއްކޮށް ޖީއެމްއާރަށްދީފައި އެއީ ރަނގަޅު ނިންމުންތަކެއްކަން ދެއްކުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޔާމީން ވިދާޅުވީ އެއާޕޯޓު ޖީއެމްއާރަށް ދިނުމުގެ ކުރިން އެމްއޭސީއެލް އަކީ އަހަރެއްގެ މައްޗަށް 300 މިލިޔަން ރުފިޔާގެ ފައިދާ ނަގަމުން އައި ކުންފުންޏެއް ކަމަށެވެ. އެކަމަކު ޖީއެމްއާރަށް އެއާޕޯޓް ދިނުމުން އެންމެ ފުރަތަމަ ވެސް ސަރުކާރަށް ދެއްކީ 15 މިލިޔަން ރުފިޔާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ޖީއެމްއާރުން ހިންގަންޖެހޭނަމަ، ދިވެހި ސަރުކާރުގެ ހިންގުން ވެސް އިންޑިއާއާ ހަވާލުނުކުރަނީ ކީއްވެތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
"ދެން މިބުނަނީ ނުލާހިކު ރަނގަޅަށް ހިނގަ ހިނގާހު އޮތް އެއާޕޯޓެއް ކީއްކުރަން ހޭ ހުރިހާ ހަރަދު ކުރަން އަޅުގަނޑުމެން ހަވާލުވާން ވީ، ފައްޔާޒު ކީއްވެގެން ތޯ ދިވެހި ދައުލަތް މިހިންގަން އެމީހުން ފަސް އަހަރު ހިންގީ ދިވެހި ދައުލަތް އިންޑިއާއަށް ދީފައި ހުރިހާ މުސާރަތަކެއް ދީފަ އަޅުގަނޑުމެން ގޭގަ ތިބެންވީ ނޫންތޯ ދިވެހި ދައުލަތަކުން މުސާރައެއް ނުހިގާނެ ދެއްތޯ އޭރަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވީއައިއޭގެ އާ ޓާމިނަލް އަޅަން ސައުދިއަރަބިއާގެ ބިންލާދީން ގްރޫޕާ ހަވާލުކުރީ 357 މިލިއަން ޑޮލަރަށް ކަމަށެވެ. ނަމަވެސް ޖެހިގެން އައި އެމްޑީޕީ ސަރުކާރުން އިތުރު ލޯނު ނަގައި ޓާމިނަލް ހެދުމުގެ އަގު 600 މިލިއަން ޑޮލަރަށް ބޮޑު ކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަގު ބޮޑުވިއިރު، ޓާމިނަލްގެ ތަރައްގީގެ ޕްލޭނަށް ބޮޑު ބަދަލެއް އައިސްފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.