ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދީފިނަމަ، ރާއްޖޭގެ އިސްލާމީ ވަހުދަތާއި ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިލްމުވެރިންގެ ގުޅުމުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.
ރާއްޖޭގެ 150 އަށްވުރެ ގިނަ ދީނީ އިލްމުވެރިން ހިމެނޭ އިލްމުވެރިންގެ ގުޅުމުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިދެއްވުމަށް ވެސް ވަނީ އެދިފަ އެވެ.
އެ އިއްތިހާދުން ފާހަގަކުރި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ބޭރު މީހުން ރާއްޖޭގައި ރަށްވެހިވެ، ރާއްޖޭގެ އިގުތިސާދީ އަމިއްލަވަންތަކަމާއި ދިވެހި ސަގާފަތަށް ނުރައްކާތެރި އަސަރުތަކެއް ކޮށްފާނެ އެވެ.
ހަމައެއާއެކު މި ކަންބޮޑުވުންތައް ހުށަހަޅާފައި ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށް އެއްކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.
ރަސްމާލެ މަޝްރޫއުގެ ދާއިމީ އެއްބަސްވުމުގައި މިއަހަރުގެ ޖުމްހޫރީ ދުވަހު ސޮއިކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، އެ ބިން ދޫކުރަނީ ލޭންޑް އިކުއިޒިޝަން ފީއެއް ނުވަތަ ބިމު ކުއްޔެއް ނުނަގާ ގޮތަށެވެ. އެގްރިމެންޓް ބައްޓަންވެފައިވާ ގޮތުން 99 އަހަރަށް ބިން ދޫކުރި ނަމަވެސް، ޕްރޮޕަޓީ ވިއްކާލުމުން ނުވަތަ ހިބައިން ދިނުމުން އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ.
ބޭރު ފައިސާގެ ވިޔަފާރީގައި އުޅޭ ތިން މީހަކު ހައްޔަރުކޮށްފި
އިގުތިސާދަށް ބާރުބޮޑުވުމުން ބޭރުގެ އެހީއަށް ރާއްޖެއިން އެދިއްޖެ