ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމާލެވުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ގެ ހޭޔަންބޯ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އާ ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަދި އެންމެންނަށް ލިބޭނެ އެތައް ފައިދާއެއް ހިތަށް ތަަސައްވަރު ކުރެވި ލޮލުން ކަރުނަ އަންނަހާ ފޮނި އިހުސާސްތައް ކުރެވޭ ކަމަށެވެ.

"އަޅުގަނޑު މިވަގުތު ހަމަ މިހިނދުގައި ފަހަގަކޮށްލަން އަޅުގަނޑަކީ މިތަން ލީޑް ކުރަން ހުރި މީހާ، އެކަމަކު އަޅުގަނޑުގެ ފަހަތުގައި އެތައް މުވައްޒަފުންނެއް، އޮހޮރުވާ ދަލާއި، ކުރި ބުރަ މަސައްކަތް އަޅުގަނޑު ފާހަގަކުރަން، އުފާ އަޅުގަނޑު ދަންނަވަންޏާ އަޅުގަނޑު ފުރަތަމަ ދަރިފުޅު ލިބުމުން ވަރަށް އުފާވި، ދެވަނައަށް އެންމެ އުފާވި ދުވަހަކީ މިއީ، އެއީ އަޅުގަނޑުގެ އުފަލަކީ،" ޝަރީފް ވިދާޅުވި އެވެ.

މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލުން ދޭ ހިދުމަތަކީ ރާއްޖޭގެ ޓޫރިޒަމްގެ އިންޑަސްޓްރީއާ އަޅައި ބަލާއިރު އެކަށީގެންވާ ހިދުމަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އާ ޓާމިނަލްގެ އަޔާޓާ މިންގަނޑުގެ ލެވެލް އޮފް ސާވިސްގެ އެންމެ މައްޗާއި ޖެހިގެން އިން ދަރަޖައިން ހުންނާނެ، އެއީ ސާވިސް ލެވެލް ޓީ، އޭގެ މާނައަކީ ވެއިޓް ޓައިމްސް، އާއި ސެކިއުރިޓީ އާއި ސޭފްޓީއާ، މިތަނުން ލިބެން ހުންނަ ޑިއުޓީ ފްރީ އާއި ކާބޯތަކެތީގެ ހިދުމަތް ދިނުމައި މި ހުރިހަ ކަމެއްގެ ސަވިސް އެ ހުރީ ދުނިޔޭގެ ފެންވަަރަށް ގެނެވިފައި،". ޝަރީފް ވިދާޅުވި އެވެ.

އާ ޓާމިނަލްގައި ސެލްފް ސާވިސް ކިއޮސްކް އާއި އޮޓޯމޭޓެޑް އެތައް ސިސްޓަމެއް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.