މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. މާލޭގެ މަގުތަކަށް ހިމޭންކަން ވެރިވެ އަމާން ވެއްޖެއެވެ. ދޭތެރެއަކުން ދުއްވާފައި ދާ ސައިކަލަކުން މެނުވީ މީހެއްގެ ހިލަމެއް ނުވެއެވެ. ހަލަބޮލި މާލެ މެންދަމުގެ ނިދިން ނިދާ ހަމަޖެހިއްޖެއެވެ. މިއޮއްފަދަ ދަންވަރު މަގުމަތީގައި އަހަރެން ހުރީ ކީއްކުރަން ކަމެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ. ޖެހިގެން އަންނަ ހެނދުނު އޮފީހަށް ދާންޖެހޭކަން އެނގޭއިރުވެސް ގެއަށް ގޮސް ނިދާކަށް އަހަރެންގެ ހިތް އެއްބަހެއް ނުވިއެވެ. ގެއަށް ދިޔައެއް ކަމަކު ލިބޭނެ ވަކި އިތުރު ހިތްހަމަޖެހުމެއް ނެތެވެ. އަހަންނަށް މަރުޙަބާ ކިޔާނީ ގޭގެ ފާރުތަކާއި ހުސް ފަރުނީޗަރތަކެވެ. ހިތަށް ވެރިވާނީ އެކަނިވެރިކަމާއި މޮޅިވެރިކަމުގެ އިޙުސާސްތަކެވެ. އެއަށްވުރެ އެވަގުތު އެތަނުން އަހަރެންގެ ހިތަށް ލިބެމުންދިޔަ ފިނިކަން މާ ބޮޑެވެ. ޕާރކު ކޮށްފައި އޮތް ކާރެއްގައި ލެނގިލައިގެން ހުރިއިރު ސިކުނޑީގައި އެނބުރެމުން ދިޔައީ އަހަރެންގެ ޙަޔާތުގެ ޞަފުޙާތަކެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގެ ކެރިފޯރުންތެރި އާއިލާ އަކަށް ނިސްބަތްވި ނަމަވެސް އެންމެ ޅައިރުއްސުރެ އަހަރެން އުޅެމުން އައީ ތަނަވަސް ދިރިއުޅުމެއް ނޫނެވެ. އުމުރުން އެންމެ ހަތް އަހަރުގައި ބައްޕަ ވަކިވުމާއެކު ހިތުގައި ހަސަދަ ލައިގެން ތިބި ބޮޑުބޭބެއާއި ބޮޑުދައިތަގެ ޙަޤީޤީ ކުލަތައް ފެނިގެން ދިޔައެވެ. މުދަލާއި ލާރީގެ ދަހިވެތިކަމުގައި އަހަރުމެން މަގުމަތި ކުރީ އަހަރުމެންގެ ޙާލަށް ރަޙުމު ކުރަން މަންމަ ރޮއެ އާދޭސް ކުރަނިކޮށެވެ. އެއަށްފަހު އަހަރެން ތަރުބިއްޔަތުކޮށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށްޓަކައި މަންމަ ވީ ޤުރުބާނީއަކީ ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެން ނުދާނެ ހަނދާންތަކެކެވެ. ރަށުން ކިޔެވޭނެ އެންމެ މައްޗަށް ކިޔަވައިދިނުމަށްފަހު މަތީ ތަޢުލީމަށް އަހަރެން މާލެ ފޮނުވީ ހެޔޮއެދޭ ރަޙްމަތްތެރިއެއްގެ އެހީއާއި އެކު ހިތާއި ދެކޮޅަށެވެ. އަހަންނަކީ އަންހެން ކުއްޖަކަށްވެފައި މާލޭގެ މާޙައުލަކީ އަންހެނަކު އެކަނި އުޅެން އެންމެ އެކަށޭނަ މާޙައުލަކަށް ނުވާތީއެވެ. ނަމަވެސް ބަރު ހިތަކާއިއެކު މަންމަ އެ ނިންމުން ނިންމީ އެއީ އަހަރެންގެ މުސްތަޤުބަލަށް އެންމެ ރަނގަޅު ނިންމުން ކަމަށް ވާތީއެވެ.

އޭގެފަހުން މިހާރު ހައަހަރު ފާއިތުވެ ދިޔައީއެވެ. މިއަދު އަހަންނަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއްގެ މާލިއްޔަތު ބަލަހައްޓާ މުވައްޒަފަކީމެވެ. މިއަދާއި ހަމައަށް އަހަންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތަޢުލީމީ ޙަޔާތް ރަންވަނަ އަކާއިއެކު ނިންމާލެވުމެވެ. އެއީ އަހަންނަށްޓަކައި މަންމަ ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހި މަންމަ ކުރި ބުރަ މަސައްކަތުގެ ކުޑަނަމަވެސް އަގެއް އަދާކޮށް ދެވުނީތީއެވެ. ރީތި ބުރުސޫރައަކާއި ހެޔޮ ހަށިގަނޑެއް ލިބިފައިވީ ނަމަވެސް އަހަންނަކީ ލޯބީގައި މާ ނަޞީބު ރަނގަޅު މީހެއް ނޫނެވެ. މިހާތަނަށް ލޯބީގެ ގުޅުމެއް އަހަރެން ބޭއްވީ އެންމެ މީހަކާއެވެ. އުފާވެރިކަމާއެކު ފޯދެމުން އައި އެގުޅުން ނިމިގެން ދިޔައީ ހިތި ނިމުމަކުންނެވެ. ލޯތްބަކީ އަހަރެން ނަފުރަތު ކުރާ ކަމެއް ކަމުގައި އެ ޒުވާނާ ހެދިއެވެ. އެ ތަޖުރިބާއަށްފަހު އަހަންނަށް ލޯބި ހުށައަޅާ މީހަކާވެސް ދުރުވަމެވެ. އެ ވޭނާއި ހިތްދަތިކަން ދެވަނަ ފަހަރަކަށް ތަޙައްމަލް ކުރަން ބޭނުން ނުވާތީއެވެ. މިއަދު މަންމަގެ އެންމެ ބޮޑު އެދުމަކީ އަހަރެން ޒަވާޖީ ޙަޔާތެއް ފަށާ ދުވަހެއް ދުށުން ކަމުގައިވިޔަސް އެ އެދުން ފުރިހަމަ ކޮށްދިނުމަށް އަހަރެން ފަސްޖެހެއެވެ.

ޚިޔާލުގެ ދުނިޔެއަކަށް ގެއްލިފައި ހުއްޓާ ސިއްސައިގެން ދިޔައީ މީހެއްގެ ހަޅޭކުގެ އަޑުންނެވެ. މަގުގެ އަނެއް ފަރާތުން މާ ދުރުނޫން ހިސާބެއްގައި ހުރި ގޯޅިގަނޑަކުން ކެނޑިނޭޅި އެމީހަކު އެހީއަށް އެދި ގޮވަމުން ދިޔައިރު ބައެއްގެ ވާހަކަ ދެއްކުމުގެ އަޑުވެސް އިވެމުންދިޔައެވެ. ނުތަނަވަސް ހިތަކާއެކު ދުވާރު މަތިން އަޑު އަންނަ ދިމާލަށް އަހަރެން ހިނގައިގަތީމެވެ. އެތަނުގައި ތިބި ބަޔަކަށް އަހަރެންގެ ހިލަމެއް ނުވާނެހާ މަޑު ހިނގުމެއްގައި ގޮސް ގޯޅިގަނޑާއި ދިމާލުގައި މަޑު ވެލީމެވެ. ޕާރކު ކޮށްފައި ހުރި އުޅަނދުތަކުގެ ނިވަލުގައި ހުރެ ގޯޅިގަނޑަށް ބަލާލިއިރު ކަމަކުދާކަށް ނެތެވެ. އިންސާނިއްޔަތުގެ ކުޑަވެސް ކަންފުޅެއް ނެތެވެ. ހައެއްކަ މީހުންގެ ބައިގަނޑަކުން އިންސާނަކު ކޮށާ ކުދި ކުރަމުން ދިޔައިރު ހިތުގައި ބިރުގެ ކުޑަ މިންވަރެއްވެސް ނެތީބާވައޭ ހިތަށް އެރިއެވެ. އެމީހާ މަރަށް ތެޅުނުއިރު އަހަރެން ހުރީ ހަރަކާތެއްވެސް ގެންނަން ނޭނގި ގަނޑުވެފައެވެ. އިސާހިތަކު ހަޅޭކުގެ އަޑު މަޑުވެ ހިމޭން ވެއްޖެއެވެ.

އެއިން އެކަކު އެމީހާގެ ވިންދު ބެލުމަށްފަހު މިކަންވެސް މިއޮތީ ނިމިފައޭ ބުނެ އޭނާގެ އެކުވެރިންނަށް އިޝާރާތް ކޮށްލިއެވެ. އެއާއެކު އެ ހުތުރު ޖަރީމާއިން ފިލުމަށްޓަކައި އެބައިމީހުން މައި މަގަށް ނުކުމެ ދުއްވައިގަތެވެ. ބޭއިޚުތިޔާރުގައި އަހަންނަށް ކާރަކާއި ނިވާވެވުނުއިރު އެއިން އެކަކުގެ މޫނު ފާހަގަވާ ވަރުވިއެވެ. އެމީހުން ގޮސް އޮބާލުމުން ވީ އެންމެ އަވަހަކަށް ތިރީހަކަށް ފޫޓު ދުރުގައި ހުރި ސްކޫޓަރަށް އަރައި ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. އޭރު ގަނެފައި ހުރި ބިރުން މުޅި މީހާގެ ގައިން ދާހިއްލާ ތުރުތުރު އަޅަމުން ދިޔައެވެ. ގެއާއި ހަމައަށް އާދެވުނު އިރު އެމްބިއުލާންސާއި ފުލުހުންގެ ސައިރަން ގެ އަޑު އިވެމުން ދިޔައެވެ. އަވަސް އަވަހަށް ގެއަށް ވަދެ އެނދުމައްޗަށް ވެއްޓިގަނެވުނީ ހަމަކިރިޔާއެވެ. ބޮލަށް އެނބުރުން އަރައި ބަރު ވާން ފެށިއެވެ. އެއަށްފަހު ވީގޮތެއް އަހަންނަކަށް ނޭނގެއެވެ.

ހޭވެރިކަންވީ ޖެހިގެން އައި ދުވަހު ހެނދުނުއެވެ. މަންމައާއި އޮފީސް ރަޙުމަތްތެރިންގެ އިތުރުން ބޮސްގެ ގިނަ މިސްޑް ކޯލްތަކެއް ލިބިފައި އޮތެވެ. ވާނީވެސް އެހެންތާއެވެ. އަހަންނަކީ އޭގެ ކުރިން އޮފީހަށް ގަޑި ޖެހުނު މީހެއް ނޫނެވެ. ފާއިތުވި ރޭގެ ޙާދިސާ ފިލްމެއްހެން އަހަރެންގެ ސިކުނޑީގައި ތާޒާކަމާއެކު އެނބުރެމުން ދިޔައެވެ. އަވަހަށް ފޯނު ނަގައި ފޭސްބުކް ހޮޅުވާލީމެވެ. މާލޭގައި ކަމެއް ހިނގައިފިނަމަ ފޭސްބުކް އިން އެކަން އެނގެން އޮންނާނެތީއެވެ. ހީވީ ރަނގަޅަށެވެ. މުޅި ފީޑުގައި އޮތީ ރަޙުމުކުޑަ ގޮތަކަށް މާލޭގައި މީހަކު މަރާލާފައި އޮއްވާ ފެނުނު ވާހަކައެވެ. ތައުޒިޔާގެ މެސެޖުތަކާއި ރާއްޖޭގެ އިޖުތިމާޢީ ފޭރާމުގެ ވާހަކައެވެ. އެވަގުތު ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރި ކަމެއް ހިތަށް ވެރިވެގަތެވެ. އަހަންނަކީ އެ ހުތުރު ޖަރީމާ ހަމަލޮލުން ދުށް މީހެއްކަން މޭރުން ވުމުންނެވެ. އެއަށްވުރެ ބޮޑަށް ކުށުގެ ވެށީގައި އަހަރެން ހުރިކަން ތަޙުޤީޤަށް ހާމަ ވެދާނެތީއެވެ. އެހެން ވެއްޖެނަމަ އަހަރެންގެ ދިރިއުޅުމަށް އަންނާނެ ނޭދެވޭ ބަދަލުތައް ހިތަށް ސިފަ ކުރެވުނީމައެވެ.

ތަޙުޤީޤަށް އަހަރެންގެ ނަން ފެންމަތިވިޔަސް އަހަންނަށް މާބޮޑު ކުރިއެރުމެއް ތަޙުޤީޤަށް ނުދެވޭނެކަން އަހަންނަށް އެނގެއެވެ. ހުރިހާ ކަމެއް ލޮލަށް ފެނުނު ކަމުގައި ވިޔަސް އަހަންނަށް އެކަންތައް އެހެން މީހަކަށް ކިޔައެއް ނުދެވޭނެއެވެ. ދުނިޔެމަތިން އަހަރެން އެންމެ ލޯބިވި މީހާގެ ދުނިޔެއަށް ބަދުނާމުކުރަން އަހަރެންގެ ދޫ ބަންދުވާނެތީއެވެ. އެއީ ޤާތިލެއްކަން އެނގި ހުރެވެސް އަހަރެންގެ ހިތުގައި އޭނާ އަށް އޮތް ލޯތްބަށް ކުޑަވެސް އުނިކަމެއް ނާންނާތީއެވެ. ލޯތްބަކީ ކަނު އެއްޗެކޭ ބުނާތީ އަޑު އަހަމެވެ. މިއަދު އަހަރެން އެކަން ޤަބޫލު ކުރަމެވެ. އޭނާގެ ހަޑި މުޑުދާރު ޙަޤީޤަތް އަހަންނަށް މާކުރިން އޮތީ އެނގިފައެވެ. މާލޭގައި ހިނގާ ގިނަ މާރާމާރީ ތަކެއްގައި އޭނާގެ ޙިއްސާ އޮތްކަން އެނގުނު ހިސާބުން އެގުޅުން އަހަރެން ނިންމާލި ކަމުގައި ވިޔަސް އަދިވެސް އަހަރެން އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަންނަށް އެނގޭ އެއްވެސް އެއްޗެއް އިތުރު މީހަކަށް ކިޔައިދީފިނަމަ އަހަރެންގެ ފުރާނަ ދުއްވާލަންވެސް ފަސް ނުޖެހޭނެ ކަމުގެ އިންޒާރު އޭނާ ދީފައި އޮތަސްމެއެވެ.

އެފަދަ ހުތުރު ޖަރީމާއެއް ލޮލަށް ފެނި ވަންހަނާ ކުރުމުގެ ނުބައިކަންވެސް އަހަންނަށް އިޙްސާސް ވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އަހަންނަކީ އެހާ ހިތްވަރުގަދަ މީހެއް ނޫނެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލުމަށްފަހު ރިންގު ވަމުން ދިޔަ ފޯނަށް އަހަރެން ޖަވާބު ދިނީމެވެ. ތިރީހަކަށް މިނެޓު ތެރޭގައި އޮފީހަށް ދާނަން ކަމަށް ބުނެ ފާހާނާއަށް މިސްރާބު ޖެހީމެވެ. އޭގެ ކުރީ ރެއަކީ އަހަރެންގެ ޙަޔާތުގައި ނާންނަ ދުވަހެއް ކަމަށް ހިތާހިތުން ކަނޑައެޅީމެވެ.