ބްރެޒިލްގެ ރައީސް ހުއާން ބޮލްސޮނާރޯގެ ސަރުކާރުން ކޮވިޑް- 19 އާ ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތު ދޯހަޅި ކަމަށް ބުނެ އެ ސިޔާސަތުތައް މުރާޖައާ ކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ނަން ހާމަ ނުކޮށް މިމައްސަލައާ ގުޅުންހުރި ފަރާތަކާ ޙަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ މި މައްސަލަ ބަލާނެ ތާރީޚެއް ނިންމާނީ ބްރެޒިލްގެ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެކަން ނިންމުމަށް ބުދަ ދުވަހު މަޖިލީހާއެކު ސުޕްރީމް ކޯޓުގެ ބައްދަލު ވުމެއް އޮންނާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެލުމަށް ނިންމީ މަޖިލީހުގެ ލީޑަރުންގެ ނުރުހުމާއެކު ވެސް މައްސަލަ ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ ސޮއި ލިބިފައިވުމުން ކަމަށް އެކޯޓުގެ ގާޟީއެއް ވަނީ ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުގެ މި މައްސަލަ އަކީ ރައީސް ބޮލްސޮނާރޯގެ ސަރުކާރު އިތުރު ޕްރެޝަރަށް ވެއްޓޭނެކަމެއް ކަމަށް އެ ގައުމުގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. ދާދި ފަހުން ވެސް ކޮވިޑް-19 އަކީ ހަމައެކަނި "ކުޑަ ފްލޫ" އެއް ކަމަށް ރައީސް ބޮލްސޮނާރޯ ވިދާޅުވުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެ އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ.

ބްރެޒިލްއަކީ ދުނިޔޭގެ ނިސްބަތުން ދެވަނަ އަށް ކޮވިޑް ގެ ހާލަތު ގޯސްވެފައިވާ ގައުމެވެ. އެގައުމުގައި ކޮވިޑްގެ ސަބަބުން ދުވާލެއްގެ މައްޗަށް 4،000 އަށްވުރެ ގިނަ މީހުން މަރުވަމުން ދާއިރު މި ނަމްބަރުތައަ ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.