ތެހްރާން (12 އޭޕްރީލް) - އިޒްރޭލުން އީރާންގެ ނިއުކްލިއާ ބޭސްއަށް ދިން ހަމަލާ ތަކަކީ ހަނގުރާމަ މަތީގެ އަމަލެއް ކަމުގައި އީރާނުން ސިފަ ކޮށްފިއެވެ.
އދ.ގެ ސެކެޓްރެރީ ޖެނެރަލްއަށް ފޮނުވި ސިޓީއެއްގައި އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒާރިފް ވިދާޅުވީ އެ ހަމަލާއަކީ ރަޙުމް ކުޑަ އަދި އެއްވެސް ގޮތެއް ފޮތެއް ނެތް ހަމަލާއެއް ކަމަށާއި އެއީ ހަނގުރާމަ މަތީގެ ހަމަލާއެއް ކަމަށެވެ. އަދި މި ހަމަލާތަކަށު ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށާއި އެ ކަމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އީރާނުގެ ނަޓަންޒް ނިއުކްލިއާ ބޭސްއަށް ދިން މި ހަމަލާތަކުގައި އެ ސަރަޙައްދުގެ ކަރަންޓު ކަނޑައިގެން ގޮސް އަލިފާން ރޯވެ ގިނަ ގެއްލުންތަކެއްވެފައިވާ ކަމަށް އެ ގައުމުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން އާދިއްތަ ދުވަހު ބުނެފައިވެ އެވެ.
މި ހަމަލާއާއެކު އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އީރާނުގެ ރިވޮލޫޝަނަރީ ގާޑުގެ ކުރީގެ ލީޑަރު ވަނީ ގޮވާލާފަ އެވެ.
އިޒްރޭލުން ރަސްމީ ސިފައެއްގައި މި ހަމަލާތަކުގެ ޒިންމާ ނަގާފައި ނުވާއިރު މި ފަހަކަށް އައިސް އީރާނާއި އިޒްރޭލާއި ދެމެދު ނިއުކްލިއަރު ހަކަތަ އާއި ހަތިޔާރުގެ މައްސަލަތައް ހޫނުވެ ނުތަނަވަސްކަން ވަނީ އިތުރު ވެފަ އެވެ. -- އަލް އަރަބިއާ