އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް ހެއްކާ ގަރީނާއާއެކު އެއްވެސް ޝައްކެއް ނެތް މިންވަރަށް ދެނެގަނެވިފައިވާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލެރެންސް ކަމަށެވެ. އެހެން ކަމުން އޭގެ ދަށުން ޕޮލްކޯ އޮޑިޓްކޮށް، މިހާތަނަށް ގިނަ ކަންކަން ހޯދިފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޮޑިޓްކޮށް މިހާތަނަށް ހޯދުނު ކަންތައްތަކުގެ ތެރެއިން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް ހެއްކާ ގަރީނާއާއެކު އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދިފައިވާ ކަމަށް ނާޒިމް ވިދާޅުވިނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނާޒިމް ނުދެއްވައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ގިނަ އަދަދެއްގެ ފަޅުރަށްތަކަކާއި ފަޅުތަކެއް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ 1.4 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން މިހާތަނަށް އިދާރާތަކުން ހާމަކުރި ރިޕޯޓްތަކާއި ތަހުގީގުތަކުން އެނގެ އެވެ.
އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ 1.23 ބިލިއަން ރުފިޔާގެ ޚިޔާނާތެއްކަމަށް އޮޑިޓް އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް އެމްއެމްޕީއާރުސީން ފަޅު ރަށްތަކާއި ފަޅުތައް ވިއްކާފައިވަނީ ނުއަގުގައިކަމަށް ވުމުން އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ހަތަރު ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތެއްކަމަށް ރާއްޖޭގެ އިޤްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެމްއެމްޕީއާރުސީން ދޫކުރި 57 ތަނަކުން ދައުލަތަށް ލިބެންޖެހޭ 77.4 މިލިއަން ޑޮލަރުގެ ތެރެއިން ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަމަށް އޭސީސީން ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ވިއްކި ރަށްތައް ހަމައަގުގައި ހިސާބުކުރުމުން 220 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް (ޕީޖީ) ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރުމަށް ޕީޖީ އަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްވަނީ އަންގަވާފަ އެވެ.