ރިޔާޒް (15 އޭޕްރީލް) - އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ އެންމެ ފަހުގެ ތަފްސީލުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެގޮތުން ޔޫރޭނިއަމް އުފެއްދުން 60 އިންސައްތަ އިތުރު ކުރަން އެ ގައުމުން ނިންމި ނިންމުމަކީ ސުލްހައަށް މަގު ދައްކާނެ ނިންމުމެއް ކަމަށް ނުބެލެވޭނެ ކަމަށް ސައޫދީ އަރަބިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނެފި އެވެ.

ސައޫދީ ޕްރެސް އެޖެންސީ އިން ނެރުނު ބަޔާނެއްގައި ސަރަހައްދީ ސަލާމަތާއި ސިޔާދަތަށް ބުރޫ އަރާފަދަ އަމަލުތައް ނުކުރުމަށާއި ސުލްހައިގެ މަޝްވަރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ސައޫދީ އަރަބިއާ އިން ވަނީ އީރާނަށް ގޮވާލާފަ އެވެ.

"ބައިނަލްއަޣްވާމީ މުޖުތަމައުގެ ވިސްނުމާ އެއްގޮތަށް ނިއުކްލިއާ ހަކަތަ ބޭނުން ކުރުމަށާއި ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އޭޖެންސީ މަޝްވަރާގެ މަތިން ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އީރާނަށް ގޮވާލަން،" އެ ބަޔާނުގައި ވެ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އީރާނުން ވަނީ އެ ގައުމުން ޔޫރޭނިއަމް އުފެއްދުން 60 އިންސައްތަ އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ. އީރާނުގެ މި ނިންމުމަކީ ދާދިފަހުން އެ ގައުމުގެ ނަޓަންޒް ނިއުކްލިއާ ބޭސް އަށް ދިން ހަމަލާއަކީ އިޒްރޭލުގެ ހަނގުރާމައިގެ އަމަލެއް ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު ވިދާޅުވެފައި ވަނިކޮށް ނިންމި ނިންމުމެކެވެ.

ސައޫދީ އަރަބިއާ އާއި އެ ގައުމަށް ވާގިދޭ ގަލްފް ގައުމުތަކުން ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓަރަމްޕް ގެންގުޅުއްވި ސިޔާސަތުތަކަށް ތާއީދު ކޮށްފަ އެވެ. -- އަލް އަރަބިއާ