ކޭޕޮޕް ބޭންޑްގެ މަޝްހޫރު މެމްބަރު ޖަންކޫކްގެ ގެއަށް ވަގުންތަކެއް ވަދެފައިވަނިކޮށް އެފަދަ ކަންކަން ކުރާ ވަގުންނަށް އޭނާ ވަރުގަދަ އިންޒާރެއް ދީފި އެވެ.
ޖަންކޫކްގެ 28 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޖަންކޫކް ބުނީ މިފަހުން ވެސް އޭނާގެ ގެއަށް އަންހެނަކު ވަންނަން މަސައްކަތް ކުރި ކަމަށެވެ.
އެހެން ނަމަވެސް ވަގުތު އޮއްވާ ފުލުހުން އައިސް އޭނާ ހައްޔަރު ކުރި ކަމަށާއި ސުވާލު ކުރެވުމުން އޭނާއަކީ ޖަންކޫކްގެ ގާތް ރަހުމަތްތެރިއެއް ކަމަށް ބުނި ކަމަށް ވެސް ޖަންކޫކް ބުންޏެވެ.
ބީޓީއެސްއަށް ސަޕޯޯޓްކުރާ އާމީގެ ހުރިހާ އެންމެންނަކީ ވެސް އޭނާގެ އާއިލާ ކަމަށާއި އެހެން ނަމަވެސް މިފަދަ ކަމަކަށް އެއްވެސް ހާލެއްގައި ޖާގަ ނުދޭނެ ކަމަށް ވެސް ޖަންކޫކް ބުނެފައިވެ އެވެ.
އެގޮތުން ހުއްދަނެތި ގެއަށް ވަންނަން މަސައްކަތްކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޖަންކޫކް އޭނާގެ ޕޮޑްކާސްޓްގައި އިންޒާރު ދީފައިވެ އެވެ.
"ހައްޔަރު ވާން ބޭނުންނުވާ ނަމަ ހުއްދަ ނެތި ގެއަށް ވަންނަން ނޫޅޭތި. ސީސީޓީވީ ހުރިހާ ތަނެއްގައި ވެސް ހުންނާނެ. ސަލާމަތެއް ނުވާނެ،" ޖަންކޫކް ބުންޏެވެ.
މިއީ ޖަންކޫކްގެ ގެއަށް ވަންނަން ބަޔަކު މަސައްކަތްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާގެ ގެއަށް ވަންނަން އުޅުނު މީހުން ހައްޔަރު ކުރެވިފައިވެ އެވެ.