ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މި އަހަރުގެ ތެރޭގައި ހަދިޔާގެ ގޮތުގައި ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަން މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

އަބްދުއްރަހީމް މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި ބުނެފައި ވަނީ ދަތުރުފަތުރު ކުރުމަށާއި ކްރެޑިޓް ކާޑުގެ ފައިސާ ދެއްކުމަށް އެކި ފަރާތްތަކުން އޭނާއަށް 958،982ރ. މި އަހަރު ލިބުނު ކަމަށެވެ. އެ މާލީ ބަޔާނުގައިވާ ގޮތުން ހެޔޮއެދޭ އެކި ފަރާތްތަކުން އަބްދުއްރަހީމަށް ލިބުނު ފައިސާގެ އަދަދު އޭނާއަށް މަޖިލީހުން ލިބުނު މުސާރައަށް ވުރެ ވެސް ބޮޑެވެ.

އަބުދުއްރަހީމް އަށް މުސާރައިގެ ގޮތުގައި ލިބުނީ އެންމެ 658،894ރ. އެވެ. އެއީ އެވްރެޖުކޮށް މެންބަރުންނަށް ނުވަ ލައްކަ ރުފިޔާއަށް ވުރެ ތިން ލައްކައެއްހާ ރުފިޔާ މަދު އަދަދެކެވެ.

މާލީ ބަޔާނުން އެނގޭ ގޮތުގައި އަބްދުއްރަހީމުގެ ބޭންކު އެކައުންޓުގައި ހުރީ އެންމެ 101،698ރ. އެވެ. އެއީ މި އަހަރުގެ ޖުލައި މަހުގެ 2، އާ ހަމައަށް ހުރި ފައިސާގެ އަދަދެވެ.

އަބްދުއްރަހީމުގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން 2017 ވަނަ އަހަރު ރެހެންދި ފްލެޓު އޭނާ ގަތީ 4.5 މިލިއަން ރުފިޔާ އަށެވެ. އެ ފްލެޓު ގަތީ އަމިއްލައަށް އެއްކުރި ފައިސާ އާއި ހެޔޮ އެދޭ ފަރާތްތަކުން ދިން އެހީތެރިކަމާއެކު ކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ.

މާލީ ބަޔާނުން އެނގޭ ގޮތުގައި އޭނާގެ އަތުގައި 3.5 މިލިއަން ރުފިޔާގެ ކަނޑު އުޅަނދަކާއި 67،000ރ. ގެ ސައިކަލެއް އޭނާގެ ނަމުގައި އޮވެ އެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރަން ފެށީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަދި މިހާތަނަށް ހުރިހާ މެންބަރުންގެ ބަޔާންތަކެއް ވެބްސައިޓަކަށް ނުލަ އެވެ.

މަޖިލީހުގެ ވެބްސައިޓަށް މިވަގުތު އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، ބަޔާންތައް ފަރުމާކޮށްފައި ވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ފެނެ އެވެ.

ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަނި ނުވަތަ ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލުގެ ތަފުސީލެވެ.

އޭގެ އިތުރުން، އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް އޮތް ނަމަ އޭގެ ތަފުސީލާއި ނަގުދު ފައިސާގެ ގޮތުގައި ހުރި ފައިސާގެ އަދަދާއި ވިއްކާލާފައިވާ ބައެއް ކެޓަގަރީތަކުގެ މުދަލުގެ ތަފުސީލާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ގޮތުގައި ބެލެވޭ އެއްވެސް އެއްޗެއްގެ ތަފުސީލު ވެސް ބަޔާންތަކުގައި ހިމަނަންޖެހެ އެވެ.

މިހާތަނަށް އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު އާދަޔާ ހިލާފު މުއްސަނދިކަމެއް ލިބިފައިވާ އެއްވެސް މެންބަރަކު ފާހަގައެއް ނުވެ އެވެ. އެއާ ހިލާފަށް، ގިނަ އަދަދެއްގެ މެންބަރުންގެ ބޭންކު އެކައުންޓުގައި ހުރީ ނިސްބަތުން މަދު ފައިސާއެއްކަން އެނގެ އެވެ. އަދި ގިނަ މެންބަރުން ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާކަން ފާހަގަ ކުރެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރަމުން އަންނައިރު، ސަރުކާރުގެ ވެރިންގެ މާލީ ބަޔާނެއް މިހާތަނަށް ވެސް އާންމެއް ނުކުރެ އެވެ.