ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ކޭ- ޕާކްގެ ހަތަރު އެޕާޓްމަންޓެއް އެ އެޕާޓްމަންޓްތައް ގަތް މީހާއާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ގ. ކަކާގެއާގެ އަލީ އާދަމް ހުށަހެޅި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމް ކުރީ ކޭޕާކު ރެސިޑެންސްގެ ފަސްވަނަ ފަންގިފިލާގަ އަދި ހަތްވަނަ ފަންގިފިލާގައި ހަދާފައިވާ ހަތަރު އެޕާޓުމަންޓު އޭނާއާ ހަވާލުކުރުމަށެވެ. އަދި ހަވާލުނުކުރެވޭނަމަ އަމުރުކޮށްދިނުމަށް ނުވަތަ އެ އެޕާޓުމަންޓުތަކުގެ އަގަށް އޭނާ ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

އެ ހުކުމް ކޮށްފައި ވަނީ ހަމްބޯ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އަލީ އާދަމަށް މި އެޕާޓުމަންޓުތައް ވިއްކުމުގެ އެއްބަސްވުމެއްގައި 3 އެޕްރީލް 2023ގައި ހަމްބޯ ކުންފުނީގެ ޑިރެކްޓަރު ހަސަން މަމްދޫހު ސޮއިކޮށް ކުންފުނީގެ ސިއްކަ ޖަހާފައިވާ ކަމަށެވެ. ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު މި ހަތަރު އެޕާޓުމަންޓަކީ ވެސް އަލީ އާދަމްއާ ހަވާލުކުރަންޖެހޭ ތަންތަންކަން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ހަންބޯ މޯލްޑިވްސް ކުންފުނީގެ ކަސްޓަމަރުންނަށް ނުއަގުގައި ފްލެޓް ވިއްކައި އެ ކުންފުންޏަށް ނޭނގި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މަމްދޫހާއި އިތުރު މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.