މިރޭ ހަނދުކޭތަ ހިފާއިރު އެ މަންޒަރު އެންމެ ރީތިކޮށް ފެންނާނީ 9:30ގެ ފަހުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓު އޮފީހުން ބުނީ މިރޭ ރާއްޖެއަށް އުޑުމަތި ސާފުވާނެ ކަމަށާއި އެހެންވެ، ރާއްޖެއަށް ހަނދުކޭތަ ރީތިކޮށް ފެނުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

މެޓް އިފީހުން ބުނީ ހަނދުކޭތަ ހިފަން ފަށާނީ މިރޭ 8:28ގައި ކަމަށާއި އެކަމަކު ލޮލަށް ފެންނަން ފަށާނީ 9:30ގެ ފަހުން ކަމަށެވެ. އަދި އެ މަންޒަރު އެންމެ ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނާނީ 10:30 އިން ފެށިގެން 11:52 އާ ހަމައަށް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ކޭތަ ވީއްލާ އެއްކޮށް ނިމޭނީ މިރޭ މެންދަމު 1:55ގައި ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ވެސް މިރޭ ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފަ އެވެ.