ޝާހްރުކް ޚާންއާއި ސަލްމާން ޚާންއަކީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ދެ ތަރިންނަށްވާއިރު އެ ދެތަރިންގެ ގުޅުމަކީ އަބަދުވެސް ހަބަރުތަކުގެ ފަލަ ސުރުހީއަށް އަރާ ކަމެކެވެ.

މާޒީގައި އެ ދެތަރިންގެ މެދުގައި ދެބަސްވުންތަކާއި ހިތްހަމަނުޖެހުންތައް އުފެދި އެކަކު އަނެކަކާ ވާހަކަ ނުދައްކާ ވެސް ތިއްބެވެ. ސަލްމާން ވަނީ އެ ތަޖުރިބާ މީޑިއާއަށް ހިއްސާ ކޮށްފަ އެވެ.

ސަލްމާން ބުނީ ހިޔާލު ތަފާތުވުންތަކާއެކު ވެސް ޝާހުދެކެ އޭނާ އިންތިހާއަށް ލޯބިވާ ކަމަށާއި އޭނާ ޝާހު ދެކެނީ ކޮއްކޮއެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން އެމީހުންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމުގެ ސަބަބުން އޭނާއަށް ފުން އަސަރުތަކެއް ކުރި ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށް ވެސް ސަލްމާން ބުންޏެވެ.

2011 ވަނަ އަހަރު "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުން ޝާހްރުކް ޚާން ވެސް ވަނީ ސަލްމާންއާއެކު އޮތް ގުޅުން ރަނގަޅު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ދެތަރިންގެ މެދުގައި މައްސަލަ ޖެހުނީ 2008 ވަނަ އަހަރު ބޭއްވި ކެޓްރީނާގެ އުފަންދުވަހުގެ ޕާޓީގައި މަސްތުގެ ހާލަތުގައި ސަލްމާން ޝާހުއަށް މަލާމާތް ކުރުމުންނެވެ.

އެހެން ނަމަވެސް މިފަހަކަށް އައިސް އެ ދެމީހުންގެ ގުޅުން ރަނގަޅުވެ އެކި ހަފްލާތަކުން ވެސް އެ މީހުން އެކުގައި ފެނިގެން ގޮސްފައިވެ އެވެ.