މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ދިވެހި ފިލްމު "ކަނބުލޮ" ގާދޫ ކޮލުން ބޭރުވެ އަވަށްޓެރި ސްރީލަންކާގައި އަޅުވަން ނިންމައިފި އެވެ.

"ކަނބުލޮ"ގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހު ސްރީލަންކާގައި އެ ފިލްމުގެ ޖުމްލަ ތިން ޝޯއެއް އަޅުވާނެ އެވެ.

އެގޮތުން މިމަހުގެ 10ގައި އެއް ޝޯ އަޅުވާއިރު ޖެހިގެން އަންނަ 11 ވަނަ ދުވަހު ހެނދުނާއި ރޭގަނޑު ވެސް ފިލްމުގެ ޝޯއެއް އޮންނާނެ ކަމަށް "ކަނބުލޮ" ޓީމުން ބުނެ އެވެ.

https://www.facebook.com/share/p/16p9GhGoho/

އެ ޓީމުން އިތުރަށް ބުނެފައިވަނީ މި ޝޯތަކުގައި ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދިޔަ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ބައިވެރިވާނެ ކަމަށާއި އިއްސެއާ ބައްދަލު ކޮށްލުމުގެ ފުރުސަތު ވެސް ބެލުންތެރިންނަށް ލިބޭނެ ކަމަށެވެ.

ސްރީލަންކާއަކީ ގިނަ ދިވެހިންތަކެއް ދިރިއުޅޭ ގައުމަކަށްވާއިރު އެ ގައުމުގައި އަޅުވަން ހަމަޖެހިފައިވާ "ކަނބުލޮ"ގެ ޝޯތަކަށް ޓިކެޓް ގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މަރިޔަމް އައްޒަ "ކަނބުލޮ"ގެ ރޯލުން ފެނިގެންދާ އެ ފިލްމު މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވެސް އަޅުވަމުންދާއިރު އެ ފިލްމަށް ބެލުންތެރިންގެ ހޫނު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.