މާލޭގެ މޭޔަރު ކަމުގައި ދެ އަހަރުގެ ތެރޭގައި ފަސް ގައުމަކަށް ރައީސް މުހައްމަދު މުއިއްޒު ދަތުރުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ދައުރު" ނޫހުން ހޯދަން އެދުނު މައުލޫމާތު މާލޭ ސިޓީ ކައުންސިލުން ދިނުމުންނެވެ.

އެ ނޫހުން އެދުނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ހައިސިއްޔަތުން މުއިއްޒު ކުރެއްވި ދަތުރުތަކުގެ ތަފުސީލް ހޯދުމަށެވެ.

މުއިއްޒު 2021 އާއި 2022ގައި މާލޭގެ މޭޔަރެއްގެ ގޮތުގައި ރާއްޖޭން ބޭރަށް ކުރި ދަތުރުތަކުގެ ތަފްސީލް

  • ތުރުކީ (10 ސެޕްޓެމްބަރު - 17 ސެޕްޓެމްބަރު 2021)؛ 81،124.62ރ
  • ޕޯޗުގަލް (27 ޖޫން - 1 ޖުލައި 2022)؛ 273،268.10ރ
  • ދެކުނު ކޮރެއާ (9 އޮކްޓޯބަރު - 15 އޮކްޓޯބަރު 2022)؛ 35،897.76ރ
  • ސްރީލަންކާ (15 ޖުލައި - 16 ޖުލައި 2022)؛ 18،041ރ
  • ސިންގަޕޫރު (31 ޖުލައި - 3 އޮގަސްޓް 2022)؛ 352،377.84ރ

މުއިއްޒު ބައިވެރިވެވަޑައިނުގަންނާވާ ހަމައެކަނި ކައުންސިލަރުން ބައިވެރިވި އިތުރު ހަތަރު ދަތުރެއް ކޮށްފައިވާ ކަމަށް ވެސް މޭލޭ ސިޓީ ކައުންސިލުން ބުންޏެވެ. އޭރު ކައުންސިލްގެ މެޖޯރިޓީ އޮތީ ޕީޕީއެމް، ޕީއެންސީގަ އެވެ.

އެ ދަތުރުތަކުގެ ތަފްސީލް

  • އޮސްޓްރޭލިއާ (19 ސެޕްޓެމްބަރު - 22 ސެޕްޓެމްބަރު 2022)؛ 77،373.88ރ
  • ޔޫއޭއީ (27 ނޮވެމްބަރު - 1 ޑިސެމްބަރު 2022)؛ 74،586.54ރ
  • ސްޕެއިން (15 ނޮވެމްބަރު -17 ނޮވެމްބަރު2022)؛ 77،186.44ރ
  • ޔޫއޭއީ (6 ފެބްރުއަރީ-10 ފެބްރުއަރީ)؛ 87،092.16ރ

އެ ހުރިހާ ދަތުރުތަކުގެ ޖުމުލަ ހަރަދު 1.08 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކައުންސިލްތަކުން ރާއްޖެއިން ބޭރަށް ކުރަނީ ބޭކާރު ދަތުރުތަކެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ގެންދަވަނީ ކައުންސިލްތަކަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް އެމަނިކުފާނުގެ މޭޔަރުކަމުގައި ދަތުކުރު ކުރެއްވުން މައްސަލައަކަށް ނުވެ އެވެ.

މުއިއްޒުގެ އެންގެވުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ބައެއް ރަށްރަށުގެ ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭނެ ޓީޗަރެއްގެ ވަޒީފާއަށް މީހުން ނުނެގި ތުއްތު ކުދިންނަށް އެކަށީގެންވާ ޕްރީ ސްކޫލް ތައުލީމެެއް ދިނުމަށް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ވާހަކަތަކާއި އަމަލާ ދިމާނުވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.