ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ ދިގުކޮށް ދަންމާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ދައުރުން ބޭރުން މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަލާހު މިހެން ވިދާޅުވީ ސަރުކާރުން ހުށަހެޅި ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓާއި ގުޅޭ ބިލަށް ބަހުސް ކުރައްވަމުންނެވެ. ރިޔާސީ ދައުރު ދިގުދަންމާލަން ވޯޓު ނެގުމުގެ ފުރުސަތު އެ ބިލުން ލިބެ އެވެ. އެހެން ނަމަވެސް، ފަލާހު ވިދާޅުވީ މި ސަރުކާރުން އެކަން ކުރަން ނޫޅޭ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ވޯޓަށް އަހާނީ މި ހިނގާ ރިޔާސީ ދައުރާއި މަޖިލީހުގެ މި ދައުރު ކުރުކޮށްލާ، ދެ އިންތިހާބު އެކީގައި ބޭއްވުމަށް ކަމަށެވެ.
"ވަރަށް ސާފު މި ބިލު. މި ބިލެއްގަ ނެތް. ރިޔާސީ ދައުރެއް މި ސަރުކާރަކުން ނުދަންމާނެ. އަޅުގަނޑުމެން ތާއީދެއް ނުކުރާނެ. ރައީސުލްޖުމްހުރިއްޔާ ކުޑަކޮށް ވެސް ތާއީދެއް ނުކުރާނެ،" ފަލާހު ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް ދައުރު ދިގު ދަންމާލުމުގެ ވާހަކަތައް ޕީއެންސީގެ ތެރޭގައި ދެކެވެމުންދާ ކަމަށް ސޯސަލް މީޑިއާގައި އަޑު ފެތެރުނެވެ. އެކަމަށް ޕީއެންސީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވެސް ތާއީދުކޮށްފައިވާކަމަން ވަނީ ހާމަވެފަ އެވެ.
ދައުރު ދިގު ދަންމާލަން ވާހަކަދެއްކެވި އެއް މެންބަރަކީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) އެވެ. އޭނާ ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ ރަނގަޅު ކަންތައް ފަހުން އަންނަ ސަރުކާރަކުން ބަދަލުކޮށްފާނެ ކަމަށާއި އެހެންވިޔަ ނުދިނުމަށް ރިޔާސީ ދައުރު ދަންމާލުމަކީ މަައްސަލައެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ދައުރު ދިގު ގަންމާލަން ރަނގަޅު މަސްވަރާއަކަށް ފަހު އެކަން ކުރުމަކީ ހަމަ އެންމެ ރަނގަޅުކަމެއް ކަމަށެވެ.