ގަވާއިދުން ކަސްރަތު ކުރާ ނަމަ ކޮވިޑް-19 ޖެހުން ދުރުކޮށްދޭ ކަމަށާއި ޖެހުނު ނަމަވެސް ހާލު ބޮޑުވެ ދިގު މުއްދަތަކަށް ކުރާ އަސަރުތައް ކުޑަ ކޮށްދޭ ކަމަށް އެންމެ ފަހުގެ ދިރާސާ ތަކުން ދައްކައިފި އެވެ.

ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިން އިން ޝާއިއު ކުރި މި ދިރާސާ ގައި ވަނީ ކޮވިޑް ޖެހުމުގެ ކުރިން ގަވާއިދުން ކަސްރަތުކޮށް އުޅުނު ބަލި މީހުން ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހޭ މީހުންގެ ރޭޓު ދަށްވެފައި ބަލިން ރަނގަޅު ކޮށްދޭ މުއްދަތު އަވަސް ކަމަށެވެ.

އެމެރިކާގެ 50،000 ކޮވިޑް ބަލި މީހުންގެ މެދުގައި ކުރެވުނު މި ދިރާސާގެ ބައިވެރިންގެ ދިރިއުޅުމަށް ބެލުމަށްފަހު ދިރާސާ ކުރި ރިސާޗަރުން ބުނީ ކޮންމެ ބޮޑު މީހަކަށް ހަފްތާއަކު މަދުވެގެން 150 އާ 300 މިނެޓާ ދެމެދު މޮޑަރޭޓް ލެވެލްގެ ކަސްރަތު ބޭނުންވެ އެވެ. މިވަރުން ހަށިގަނޑު އެކި ބަލި ތަކުން ސަލާމަތް ކޮށްދޭން ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެ އެވެ.

މިއީ އާއްމުކޮށް ކަސްރަތު ބޭނުންވާ ވަރު ކަމަށް ވިޔަސް ދުވާލަކު 30 މިނެޓަށް ހިނގުން ފަދަ ހެލިފެލިވެ އުޅެވޭ ހަރަކާތްތައް ކުރުމަކީ ވެސް ކޮވިޑް-19 އިން ރައްކާތެރި ކޮށްދޭ ކަމެއް ކަމުގައި ދިރާސާގައި ވެ އެވެ.

ދުނިޔޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ދާއރު ކަސްރަތު ކުރުން ފަދަ ކަމަކުން އެބަލިން ރައްކާތެރިވުމުގެ ކުޑަ ނަމަވެސް ފުރުސަތެއް އޮތް ނަމަ އެ ފުރުސަތުގެ ބޭނުން ހިފުމަކީ މުހިއްމު ކަމެކެވެ.