ރޯދަމަހަކީ ދިވެހިންނަށް އެކިގޮތް ގޮތުން ހާއްސަ މަހެކެވެ. ރަހުމަތުގެ މައްސަރަށް ވީއިރު އެއީ އާއިލީ ގުޅުންތައް ވެސް ބަދަހިކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ.

މިކަން ސާބިތުކޮށްދެނީ ކޮންމެ އަހަރަކުވެސް ރޯދައާ ދިމާކޮށް އަމިއްލަ ރަށަށް ދާ ދިވެހިން ގިނަވީމަ އެވެ. ހާލަތު ހުރި ގޮތުން މާލޭގެ ބައިބޯ މާހައުލުގައި އާބާދުވެގެން އުޅުނަސް ގިނަ ދިވެހިންގެ ހިތް އެދެނީ ރަށްފުށުގެ ހިތްފަސޭހަ މާހައުލުގައި ރޯދަމަސް ހޭދަ ކުރާށެވެ. އާއިލާ އާއި އެންމެ ގާތް ރަހުމަތްތެރިންނާއެކު މިދުވަސްތައް ހޭދަ ކުރާށެވެ.

މިސަބަބަށްޓަކައި ކޮންމެ އަހަރެއްގެ ވެސް ރޯދަމަހަކީ އޮފީސްތަކުގެ ޗުއްޓީ ކަލަންޑަރަށް ބާރު ބޮޑުވާ މަހެކެވެ. ޗުއްޓީއަށް އެދޭ މުވައްޒަފުން ގިނަވުމާއެކު އޮފީހުގައި މުވައްޒަފުން މަދުވެ މަސައްކަތަށް ބުރޫ އަރާނެހެން ހީވާފަހަރު ވެސް އާދެ އެވެ.

ނަމަވެސް މިދެ އަހަރު އަހަރެމެންނަށް ކުރިމަތިވެފައި ވަނީ އޮފީހުން ޗުއްޓީ ނުލިބުމުގެ މައްސަލައެއް ނޫނެވެ. ކޮވިޑް 19 ބަލިމަޑުކަމުގެ ސަބަބުން އެތެރޭގެ ދަތުރު ފަތުރުގެ ކަންކަން ހަރުކަށިކޮށްފައި ވާތީ މި އަހަރު ރޯދައަށް ރަށަށް ނުދެވިފައި ތިބި ގިނަ ބަޔަކު މާލޭގައި އެބަ ތިއްބެެވެ.

އެފަދަ ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. ކޮވިޑްގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާ ނަމަ އަދި ދާން ބޭނުންވާ ރަށުގެ އާބާދީގެ 60 އިންސައްތަ އަށް ވެކްސިން ޖެހިފައިވާނަމަ ކަރަންޓީނަކާ ނުލާ އެރަށަކަށް ދަތުރު ކުރެވޭނެ އެވެ. އެ ރަށްތަކަށް ދަތުރު ކުރުމުގައި ލުއި ފަސޭޭހަތަކެއް ލިބޭނެ އެވެ.

މިއާ އެކު ރޯދަމަހުގެ ފަހު ދިހައާއި ފިތުރު އީދު އާއިލާ އާއި ރަހުމަތްތެރިންނާ އެކު އުފަން ރަށުގައި ހޭދަކޮށްލުމުގެ ފުރުސަތު ދިވެހިންނަށް މިއޮތީ ލިބިފަ އެވެ. ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ މިފަދަ ފުރުސަތުތައް ލިބުނު ކަމުގައި ވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލަން ނުވާނެ ކަމެވެ.

ކޮވިޑް ވެކްސިން ޖަހަން އަވަސްވެ ގަންނާށެވެ. އަދި އާއިލާ އާއި ރަހުމަތްތެރިންނަށް ވެސް ވެކްސިން ޖެހުމަށް ހިތްވަރު ދޭށެވެ. ފަރުދީ ޒިންމާ އަދާ ކުރާށެވެ. ރޯދަ އަށް ރަށަށް ދެވޭނީ ވެސް އޭރުންނެވެ.