ދިވެހީންނަށް ވިސާނެތި، އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ދިވެހި ސަރުކާރާއި އެ ގައުމުގެ ސަރުކާރާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އަދި، އަޒަރުބައިޒާން ސަރުކާރުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވްއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، މިއީ ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ދަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާ އާނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި، ޓްރާންޒިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ލިބޭނެ އެވެ.

ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވިސާއާ އާނުލައި އަޒަރުބައިޖާނަށް ދަތުރުފަތުރު ކުރެވޭ އެއްބަސްވުމެއްގައި މިދިޔަ އަހަރު ވަނީ ސޮއިކޮށްފަ އެވެ.

އަޒަރުބައިޖާން އެއާލައިނުގެ ސީދާ ދަތުރުތައް މިދިޔަ ނޮވެމްބަރު މަހު ވަނީ ރާއްޖެއަށް ފަށައިފަ އެވެ. އެ ގައުމުގެ ވެރިރަށް ބަކޫއިން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ދެ ދަތުރު ކުރެ އެވެ.