މޮސްކޯ (16 އޭޕްރީލް) - ރަޝިއާ އިން އެ ގައުމުގެ ބޯޑަރާ ގުޅިފައިވާ ކަޅު ކަނޑުގެ ބައެއް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ބަންދު ކުރުމަށް ނިންމައިފި އެވެ. އެގޮތުން ކަޅު ކަނޑުގެ ދެ ސަރަހައްދަކުން އެހެން ގައުމުތަކުގެ އަސްކަރީ ބޯޓުތަކާއި ސަރުކާރުގެ އުޅަނދުތައް ދަތުރު ކުރުން މަނާ ވާނެ އެވެ.

ރަޝިއާ އާއި ޔޫކްރެއިންގެ މަޝްރަހު ހޫނުވެފައި ވަނިކޮށް ރަޝިއާއިން ނިންމި މި ނިންމުމަކީ ދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވާނެ ކަމެއް ކަމަށް އެގައުމު ތަކުގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީ އާ ހަވާލާދީ ސަރުކާރުން ހިންގާ ނޮވޮސްޓީ ނިއުސް އެޖެންސީ އިން ބުނީ އޭޕްރީލް 24ން އިން ފެށިގެން އޮކްޓޯބަރު 31 ގެ ނިޔަލަށް ރަޝިއާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަން އޮންނަ މަގު އެހެން ގައުމުތަކުގެ އަސްކަރީ ބޯޓުތަކާއި ސަރުކާރުގެ އުޅަނދުތަކަށް ބަންދުވާނެ އެވެ.

ކަޅު ކަނޑާއި އަޒޯވް ކަނޑު ގުޅުވައިދޭ މި މަގު ބަންދު ކުރުމަކީ ޔޫކްރެއިންގެ ގޮވާމާއި ދަގަނޑުގެ އެކްސްޕޯޓަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. އެހެނީ އެމަގަކީ ޔޫކްރެއިންގެ އުޅަނދު ފަހަރު ހުޅަނގަށް އެކްސްޕޯޓު ކުރާ މުދާ އުފުލާ މަގެވެ.

ރަޝިއާގެ މި ނިންމުމަށް ޔޫކްރެއިން އިން ކަންބޮޑުވުން ފާޅުކުރަމުން އެގައުމުގެ ޚާރިޖީ ވުޒާރާ އިން ބުނީ އެ ނިންމުމަކީ އ.ދ ގެ ކަނޑުތަކުގެ ގަވާއިދާ ޚިލާފު ނިންމުމެއް ކަމަށެވެ.