ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް މާކެޓްކުރުމުގެ ގޮތުން "އެކްސްޕީރިއެންސް މޯލްޑިވްސް" ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭނަކީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެންޑޯޒްކޮށްފައިވާ ކެމްޕޭނެކެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ކެމްޕޭންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ޚާއްސަ އޮފާތަކެއް ލިބޭނެ އެވެ. އަދި ސްޕާ ޓްރީޓްމަންޓް، ބީޗް ޑައިނިން އާއި މޫދު ކުޅިވަރު ހަރަކާތްތަކާއި ފްލޯޓިން ބްރޭކްފާސްޓާއި ރޫމް އަޕްގްރޭޑްގެ އިތުރުން ލޯކަލް އެޑްވެންޗާ ފަދަ ތަޖުރިބާތައް ވެސް ފަސޭހަކަމާއެކު ލިބޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕޭން ހަގީގަތަކަށް ހެދުމަށް އެމެރިކަން އެކްސްޕްރެސްއާއެކު ބައިވެރިވުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކެމްޕޭނުން، ރާއްޖޭއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފަރތަކަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެ. އަދި މި ކެމްޕޭނުގެ ސަބަބުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ. އަދި ހަމައެހެންމެ މި ކެމްޕޭނުގައި ބައިވެރިވާ މަރޗަންޓުންނާއެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި މާކެޓްކުރެވުގެންދާނެ." ޝަރީފް ވިދާޅުވި އެވެ.

އެމެރިކަން އެކްސްޕްރެސްގެ ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެން ސައުތު ޕެސިފިކް ގްރޯތު މާކެޓްސް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު ދިވްޔާ ޖެއިން ވިދާޅުވީ، ރާއްޖެއަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް ކަމަށާއި ބީއެމްއެލްއާއެކު ގާއިމުވެފައިވާ ޕާޓްނާޝިޕްއާއެކު، އަދި ވިޒިޓް މޯލްޑިވްސްއާއި ޓޫރިޒަމް ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންނާއެކު، ރާއްޖެ އަދި ގްލޯބަލް ޓްރެވެލް އިކޯސިސްޓަމަށް އެ ކުންފުނިން ދޭ ސަޕޯޓު މި ދަނީ އިތުރަށް ހަރުދަނާކުރަމުން ކަމަށެވެ.

"ފަތުރުވެރިންނަށް ހާއްސަ ތަޖުރިބާތަކެއް ހިމެނޭ 'އެކްސްޕީރިއެންސް މޯލްޑިވްސް' ކެމްޕޭނަކީ އަޅުގަނޑުމެންގެ ކާޑު މެންބަރުންނަށް ޕްރިމިއަމް އަދި ތަފާތު ތަޖުރިބާތަކެއް ހޯދައިދީ، އަދި ރާއްޖެއަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިތުރަށް ޕްރޮމޯޓު ކުރެވޭނެ ކެމްޕޭނެއް." އޭނާ ވިދާޅުވި އެވެ.

2017 ވަނަ އަހަރާއި، 2019 ވަނަ އަހަރު އަދި 2023 ވަނަ އަހަރު ހިންގި 'އެކްޕީރިއެންސް މޯލްޑިވްސް" ކެމްޕޭނުތަކުގެ ކާމިޔާބީއަށް ފަހު، މިއީ މި ކެމްޕޭން ބާއްވާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ހިންގި ކެމްޕޭނުތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރިމިއަމް ޚިދުމަތްތަކާއި އެކްސްކްލޫސިވް ރޭޓްތައް އަދި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ހިދުމަތްތައްވެސް ފޯރުކޮށްދީފައި ވެ އެވެ.