ހުޅުމާލޭގެ ފިހާރައެއްގެ ސޭޓަކަށް އިން ނޭޕާލް އަންހެނެއްގެ ކަރަށް ވަޅިން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އިއްޔެ މެންދުރު 12:45 ހާއިރު ހިނގި މި ހާދިސާގައި ކަރަށް ތޫނު އެއްޗަކުން ލިބުނު ޒަހަމްތަކާ ގުޅިގެން، ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ކުރިން ބުނިއިރު ފުލުހުން މިއަދު ވަނީ އެ މީހާ މިހާރު ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޖަހަންގިރް މިއާ (25އ)ގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އެއީ، ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ.

އޭނާ އަންހެން މީހާއަށް ހަމަލާ ދިނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޯސީސީ ފިހާރައިގައި މަސައްކަތް ކުރަނިކޮށެވެ.

ފުލުހުން ބުނީ، ޖަހަންގިރު ހައްޔަރުކުރީ ސީސީޓީވީ ފުޓޭޖު ބަލައިގެންނާއި އެހެނިހެން ގޮތްގޮތުން ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން އޭނާ ދެނެގަނެ ހޯދުމަށް ފަހު ކަމަށެވެ. އެކަމަކު، ހާދިސާ ހިނގަން މެދުވެރިވީ ކީއްވެކަމެއް ސާފެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި މަހާއި މިދިޔަ މަހު ވެސް މިފަދަ ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. އެގޮތުން، މީގެ ދެހަފުތާއެއް ކުރިން މާލޭ، މަޖީދީ މަގުގައި ވަނީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފަ އެވެ. އޭގެ ކުރިން، މިދިޔަ މަހު ފަހުކޮޅު ސޯސަންމަގުގައި މީހަކަށް ހަމަލާދީ ޒަހަމުކޮށްލި އެވެ.