ރައީސް މުހައްމަދު ނަޝީދުގެ ކުރީގެ އަނބިކަނބަލުން ލައިލާ އަލީގެ އާއިލީ ކުންފުނި އެލިއާއަށް ވަރުވާއަށް ދޫކޮށްފައިވާ ހދ. ވައިކަރަމުރައިދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ބަޔަކާ ހަވާލުކުރަން ތައްޔާރުވެއްޖެ އެވެ.

"ހުރިހާ" އިން ހުށަހެޅި ސުވާލަކަށް ޓޫރިޒަމް މިނިސްޓްރީން ދިން ޖަވާބެއްގައި ވަނީ ވައިކަރަމުރައިދޫން 15 ހެކްޓަރުގެ ބިމެއް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް މިދިޔަ އަހަރުގެ މެއި 30 ވަނަ ދުވަހު އިއުލާންކުރި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ އިއުލާނާ ގުޅިގެން ޖުމްލަ އަށް ފަރާތަކުން ޕްރޮޕޯސަލްތައް ހުށަހެޅި ކަމަށެވެ. އޭގެތެރެއިން ޕްރޮޕޯސަލް ކާމިޔާބުކުރި ފަރާތަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓްރީން ދިން ޖަވާބުގައިވެ އެވެ.

ބިން ކުއްޔަށް ނަގާފަރާތުން ލީސް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަންޖެހޭ 750،000 ޑޮލަރު ދައުލަތަށް ދައްކާފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އެ ރަށް ކުއްޔަށް ދޫކުރި ކޮން ފަރާތަކަށް ކަމެއް އެ މިނިސްޓްރީން ހާމައެއްނުކުރި އެވެ.

ވައިކަރަމުރައިދޫ މިހާތަނަށް ވަރުވާއަށް ދޫކޮށްފައި ވަނީ ދަނޑުވެރިކަން ކުރުމަށެވެ.