ރަސްމާލެ ތަރައްގީ ކުރުމަށް އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ކަމަށެވެ. އެގޮތުން، މި އެއްބަސްވުމުގެ މައުލޫމާތު މިހާތަނަށް ދައުލަތުން ސިއްރުކޮށްފައިވާ ކަމަށާއި، މުޅި އެއްބަސްވުން އެކުލަވާލާފައިވަނީ ރަސްމާލެ ހިއްކުމަށް ދައުލަތުގެ ބަޖެޓުން ހިނގި ބޮޑު ހަރަދު އަނބުރާ ނުލިބޭނެ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް އެއްވެސް ބިމު ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް، 99 އަހަރުގެ މުއްދަތަށް އެ ކުންފުންޏަށް ދީފައިވާ ކަމަށް މީކާއީލް ވިދާޅުވި އެވެ. އަދި އެ ސަރަހައްދުގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދީގެން 'ރޯލިން އިންޓްރެސްޓް' ހޯދުމުގެ ފުރިހަމަ ބާރު އީގަލް ހިލްސްއަށް ލިބިދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މެންބަރު މީކާއީލް އިތުރަށް ވިދާޅުވީ، ދައުލަތުގެ ބޮޑު މިލްކިއްޔާތަކާ ގުޅޭ މިފަދަ ބިޔަ މަޝްރޫއެއްގެ އެއްބަސްވުން ރައްޔިތުންނަށް ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މާލިއްޔަތަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް ފުޅާ ދާއިރާއެއްގައި މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، މި އެއްބަސްވުމުގައިވާ ހުރިހާ ތަފުސީލެއް ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.